04 Oct 2019, 22:42
ރަހީނުކުރި ބިދޭސީއަކު ސަލާމަތްކޮށް، އެ މައްސަލައިގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ބިދޭސީއަކު ރަހީނުކޮށްފައި ވަނީ މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިން ވަނަ ފަންގިފިލާގައެވެ.
ފުލުހުން ބުނީ އެތަނުގައި ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމުގެ ފުލުހުންނަށް ލިބުމާއެކު އެތަނަށް ފުލުހުން ގޮސް އެމީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވެސް މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެމައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުމުން، ބަންގްލަދޭޝް އަށް ނިސްބަތްވާ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ވަނީ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވެ، އަމިއްލައަށް ފުލުހުންނަށް އެކަން ހިނގައިދިޔަ ގޮތް ވަނީ ކިޔައިދީފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.