މިހާރު ކުރިއަށްދާ ވޯލްޑް ކަޕާއި އޭއެފްސީ ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ސައުދީގައި ކޭމްޕް ކުރަމުންދާ ރާއްޖޭގެ ގައުމީ ޓީމު ކުޅުންތެރިން އުމުރާގެ އަޅުކަން ފުރިހަމަ ކޮށްފި އެވެ.

ސައުދީގެ ޖިއްދާގައި ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދާއިރު، ޓްރޭނިން ކޭމްޕްގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން މިއަދު ވަނީ މައްކާއަށް ގޮސް އުމުރާގެ އަޅުކަން އަދާ ކޮށްފަ އެވެ. ޖިއްދާގައި ޓްރޭނިނިން ކޭމްޕް ފަށާނީ މައްކާގެ ދަތުރުން އެނބުރި ދިއުމަށް ފަހު އެވެ.

ގައުމީ ޓީމުގެ ފޯވާޑް އަޔާ އުމުރާގެ އަޅުކަން އަދާ ކުރުމަށްފަހު

މިއީ މިއަހަރު ސައުދީއަށް ގޮސް އުމުރާގެ އަޅުކަން އަދާ ކުރާ ރާއްޖޭގެ ހަތަރު ވަނަ ޓީމެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ މި އަހަރު މާޗް މަހު ސައުދީގައި ބޭއްވި ކޮލިފިކޭޝަން މުބާރާތަށް ފަހު އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އޭގެ ފަހުން ޖޫން އަދި ޖުލައިގައި މާޒިޔާ އާއި ޓީސީން ވަނީ އެފްއޭއެމުން ތަނަވަސް ކޮށްދިން ޓްރޭނިން ކޭމްޕަށް ގޮސް އުމުރާއެއް ކޮށްފަ އެވެ.

އަންނަ މަހު 10 ވަނަ ދުވަހު ސީރިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގަ އެވެ. ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ސީރިއާގެ ހޯމް މެޗްތައް މިދިޔަ ފަސް އަހަރު ކުޅެފައި ވަނީ ނިއުޓްރަލް ސްޓޭޑިއަމްގަ އެވެ. އެހެން ނަމަވެސް ސީރިއާއިން އަންނަނީ އޭޝިއާ ބައްރުގެ ގައުމުތަކާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އަދި އެ ޓީމުން އެންމެ ފަހުގެ ވޯލްޑް ކަޕުގެ ކޮލިފިކޭޝަން ރައުންޑުގައި ވެސް ވަނީ ފައިނަލް ޕްލޭ އޮފަކާއި ހަމައަށް ގޮސްފަ އެވެ.

މެޗަށް ރާއްޖެ ނުކުންނައިރު އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ރާއްޖޭގެ މުހިންމު ތިން ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް) އިއްބެ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި މިޑްފީލްޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ވެސް ނުކުޅެވޭނެ އެވެ.