މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާނުލައި ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން، އެ މަޖިލީހުގެ އިދާރީ ހިންގުމުގައި ތިއްބެވި ތިން ބޭފުޅުން އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.

އަލަށް އެކުވަލާލި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ އަލަށް އިންތިހާބުވާ ކޮންމެ މަޖިލީހެއްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސް ގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހެއެވެ.

އަދި އެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އާންމުކޮށް ހުޅުވާލަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

އެ ތިން މަގާމަށް މީހުން އައްޔަންކުރުމުގައި، އެ މަގާމަކަށް ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް މަޖިލީހުގެ ރައީސް
މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި އަދި އެއިން ކޮންމެ މަގާމަކަށް އައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ މީހެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އަމީން އާންމުގެ ގޮތުގައި ހުންނެވި ފާތިމަތު ނިއުޝާ، ކައުންސެލް ޖެނެރަލްގެ ގޮތުގައި ހުންނެވި ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމްގެ މަގާމު ދަމަހައްޓަން މަޖިލީހުން ނިންމީ އާންމުކޮށް އިއުލާނު ކުރުމެއްނެތި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރުމަށް ވޯޓަށް އެހި އިރު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުވީ އެ ތިން ބޭފުޅުން އައްޔަނުކުރުމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

އެކަމާ ގުޅިގެން މެމްބަރު އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދު ރަނގަޅަށް މާނަކުރާނަމަ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާނުލައި މިގޮތަށް އަމަލު ކުރަންޖެހޭ އެކަށީގެންވާ ރަަނގަޅު ސަަބަބެއް އޮތްކަމަކަށް ނުވިސްނޭ ކަމަށެވެ.

"ގައުުމާއި މަޖިލީސް އޮތީ ހާލަތުއް ޒަރޫރާގައެއްނޫން،" އަލީ ހުސައިން ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ހިމެނޭ އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމަޑް ފާތިމަތު ނިއުޝާ އެންމެ ފުރަތަމަ އައްޔަނުކުރެވުނީ 9 ޖުލައި 2018 ގައެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަމީން އާންމުގެ ނައިބުކަން ހަ އަހަރު ވަންދެން އޭނާ އަދާކުރެއްވިއެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް އިއްޔެ ފާސްކުރި ފާތިމަތު ފިލްޒާ ގެންދަނީ 18 ޑިސެމްބަރު 2011 އިން ފެށިގެން އެ މަގާމު އަދާކުރައްވަމުންނެވެ. އަދި ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމަކީ 31 އޮކްޓޫބަރު 2013 އިން ފެށިގެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެ ކުރިން ހަލީމް ވަނީ އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.