މާފުށީ ޖަލުގައި ހުރި ގައިދީއަކު ދަންޖެހި މަރުވެފައި ހުއްޓައި ފެނިއްޖެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

ނަމަވެސް އޭނާ ދަންޖެހުނީ އަމިއްލަ އަށް ކަމެއް އަދި އެކަމުގައި އެހެން ކަމެއްވާ ކަމެއް އަދި ނޭނގެ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މޮނާޒާ ނައީމް މިއަދު ވިދާޅުވީ މާފުށީ ޖަލުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.
އަދި ވިދާޅުވީ އެކަން އެނގުނީ ދެންމެ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ ނޫސްވެރިން މާފުއްޓަށް މިއަދު މެންދުރު ގެންދަން ތައްޔާރު ވަމުންނެވެ. ނައީމް ވިދާޅުވީ އިތުރު ތަފްސީލް ދެވެން އޮތީ މާފުއްޓަށް ނޫސްވެރިން ގެންދިޔުމަށް ފަހު ކަމަށެވެ.

ފުލުހުން ބުނީ ދަންޖެހިގެން މަރުވީ ހެންވޭރު ކޯޒީކޯނާ އަބްދުލްމުއްނިމު، 35، ކަމަށެވެ. ނަމަވެސް އޭނާ ޖަލުގައި ހުރީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޖެހޭނީ ސާފުކުރަން ކަމަށް ފުލުހުން ބުންޏެވެ.

ހޯމް މިނިސްޓްރީ އިން ބުނީ އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެއް ކަމަށެވެ. އޭނާ ޖަލަށް ލާފައި ވަނީ އެޕްރީލު،2، 2011ގައި ކަމަށެވެ. އޭނާ ހުރީ ޔުނިޓް ތިނެއްގެ ފަސް ވަނަ ގޮޅީގަ އެވެ. ދަންޖެިހިިފައި ވަނީ ބެޑްޝީޓެއް ބޭނުންކޮށްގެން ކަމަށް ހޯމް މިނިސްޓްރީ އިން ބުނެ އެވެ.