04 Oct 2019, 18:50
ގާނޫނު އިސްލާހުކޮށް، ދީނަށް ފުރައްސާރަކުރުމަކީ އުމުރަށް ޖަލަށް ލެވޭ ފަދަ ކުށަކަށް ހަދަން ލާޒިމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައި ހުރުމުންނެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ރޭވިގެން، އިސްލާމް ދީނާ ދެކޮޅަށް ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ.
އަދި އެކަން ހައްލު ކުރުމަށް ގާނޫނީ އަދަބު ދޭން ޖެހޭ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
"ގާނޫން އިސްލާހްކޮށް، ދީނަށް ފުރައްސާރަ ކުރުމަކީ އުމުރަށް ޖަލަށް ލެވޭ ފަދަ ކުށަކަށް ހަދަން ލާޒިމްވޭ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ގާނޫނު ހަދާ ބީދައިން ލާދީނީ ފިކުރާ ދެކޮޅަށްވެސް ބޮޑެތި އަދަބު ކަނޑައަޅައި، ގާނޫނު ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ އެހެން ފަސްގަނޑެއްގައި ހުރެ "ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ" ޖަލަށް ލާފައި، އަމިއްލަ ފަސްގަނޑުގައި ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއިން އިއްޔެ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން ފުލުހުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވާއިރު، އެމްޑީއެން އިން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް މައާފަށް އެދިފައެވެ. އަދި ދީނީ އިލްމުވެރިޔަކާ އެކު ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ދީނީ ހައްދުފަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދާދި ފަހުން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ކުށްތަކަށް ވާ ކަންކަން ހަރުކަށިކޮށް، ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރެވޭނެ ގޮތް ވަނީ ފަސޭހަކޮށްދީފައެވެ.