އައްޑޫ ސިޓީގައި ގެސްޓްހައުސްއާއި ސިޓީހޮޓާ އަޅަން ބިމަށް އެދި ކުރިމަތިލުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސަރުކާރުން ނިންމާފައި ވަނީ އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް އެ ސަރަހައްދަށް 8،000 އެނދު އިތުރު ކުރުމަށެވެ. އޭގެ ތެރެއިން 4،000 އެނދު އިތުރު ކުރަން ނިންމާފައި ވަނީ ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ގެސްޓްހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކުން ބިން ހޯދުމަށް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައެވެ.

އިއުލާނުގައިވާ ގޮތުން ބިޑު ވިއްކާނީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019 ވަނަ ދުވަހާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ. ބިޑު ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ 2,000 ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ 300 ޑޮލަރެވެ.

ޕްރީބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ.

އައްޑޫގައި ގެސްޓްހައުސް ހެދުމަށް ދޫކުރަން ނިންމާފައި ވަނީ 5،000 އަކަފޫޓުގެ ބިމެވެ. ސިޓީ ހޮޓާ ތަރައްގީކުރުމަށް ދޫކުރަން ނިންމާފައި ވަނީ 10،000 އަކަފޫޓުގެ ބިމެވެ. ބިން ދޫކުރަން ނިންމާފައި ވަނީ ބީޗް ކައިރި ތަންތަނުންނެވެ.

އައްޑޫގައި މިވަގުތު ހިންގަމުން ދަނީ ދެ ރިސޯޓެވެ. އިތުރު ތަނެއް ހުޅުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އީކުއޭޓާ ވިލެޖުގެ ނަމުގައި ސިޓީ ހޮޓަލެއް ވެސް އައްޑޫ ސިޓީ ގަމުގައި ހިންގައެވެ. އެ ސިޓީގައި ގިނަ އަދަދެއްގެ ކުދި ގެސްްޓްހައުސްވެސް ހިންގައެވެ.