15 Nov 2011, 12:29
އަންނަ އަހަރަށް ރާއްޖެއަށް ބޭނުންވާ 3000 މެޓްރިކް ޓަނުގެ ގޮދަން ފުށް އިމްޕޯޓުކޮށްދޭނެ ފަރާތެއް ހޯދަން އެސްޓީއޯއިން އިއުލާންކޮށްފި އެވެ.
އިއްޔެ ޝާއިއު ކުރި ސަރުކާރުގެ ގެޒެޓްގައި އެސްޓީއޯއިން އިއުލާންކޮށްފައިވަނީ އެ ކުންފުނިން ދޭ ޝެޑިއުލްއަކާއި އެއްގޮތަށް 3000 މެޓްރިކްޓަނުގެ ގޮދަން ފުށް 20 ފޫޓްގެ ކޮންޓެއިނަރެއްގައި ރާއްޖޭން ބޭރުން މާލޭގެ ވިޔަފާރި ބަނދަރަށް ގެނެސްދޭނެ ފަރާތެއް ހޯދާށެވެ.
އެސްޓީއޯއިން ބުނީ ދިވެހި އަދި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވެސް ފުރުސަތުއޮތް އެ ބީލަން ކާމިޔާބުކުރާ ފަރާތަކުން ގޮދަން ފުށް އެތެރެކުރަން ޖެހޭނީ އެމެރިކާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އޮސްޓްރޭލިޔާ، ކެނެޑާ، ތުރުކީ، އިންޑިއާ، އިންޑޮނޭޝިއާ، ތައިލެންޑް، މެލޭޝިއާ، ފިލިޕީންސް، ސިންގަޕޫރު، ލަންކާ، ޔޫރަޕްގެ ގައުމުތައް އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި ބަންދުކުރާ ފުށް އެކަނި ކަމަށެވެ.
އެކަމަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ބީލަން ފޮތް ގަތުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަދު ހަވީރު 4:00 ޖެހުމުގެ ކުރިންނެވެ. ބީލަން ފޮތުގެ އަގަކީ 150 ޑޮލަރެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.