04 Oct 2019, 11:08
ރާއްޖޭގައި މިހާރު ދެމުންގެންދާ އަލިފާން ނިއްވުމުގެ ހިދުމަތް، އެމްއެންޑީއެފްގެ ދަށުން ނަގައި، ވަކި ސިވިލް ހިދުމަތަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.
ރާއްޖޭގައި މިހާރު އަލިފާނުގެ ހިދުމަތް ދެމުންގެންދަނީ އެމްއެންޑީއެފް ދަށުން ހިންގާ ހާއްސަ ޔުނިޓަކުންނެވެ. ފަހަކަށް އައިސް ފުލުފުލުގައި އަލިފާނުގެ އެކި ހާދިސާތައް ހިނގަމުންދާތީ އަލިފާން ނިއްވުމުގެ ހިދުމަތް ވަކި ސިވިލް ބަޔަކަށް ހެދުމަށް ދަނީ ބައެއް ބޭފުޅުން ގޮވާލަމުންނެވެ.
ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއޭސީއެލްގެ އެއާޕޯޓުގެ ފަޔާ ޑިޕާޓްމަންޓްގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މާރިޔާ ވަނީ އަލިފާން ނިއްވުން ސިވިލް ހިދުމަތަކަށް ހެދުމާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ.
"އަޅުގަނޑުމެން އެެބަ ގަބޫލުކުރަން ޖެހޭ ރާއްޖޭގައި އަޅުގަނޑުމެންގެ ހުރި ވަސީލަތްތައް އަޅުގަނޑުމެން އެހެން ކޮންމެ ބަޔަކަށް އެމްއެންޑީއެފްގައި ފަޔާ އެންޑް ރެސްކިއު ސާވިސްއެއް ފަޔާ ބްރިގޭޑެއް ސިވިލް ހިދުމަތެއްގެ ގޮތުގައި ކޮންމެ ރަށެއްގައި ފަޔާ މިގޮތަށް ބަހައްޓަން ވެއްޖިއްޔާ އަޅުގަނޑުމެން މި ޑިވައިޑް ކުރަންޖެހޭ ރިސޯސް ކިތަންމެހާވެސް ބޮޑު،" މާރިޔާ ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ދަށުގައި ފަޔާ އެންޑް ރެސްކިއު އޮތުމުން ލިބެން ޖެހޭ އެހީތެރިކަން ނުލިބޭކަމަށް ބުނެ ޝަކުވާތައް އަންނަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އަލިފާނުގެ ކަންތައްތަކުގައި މިހާރުވެސް އެހީތެރިކަން ބޭނުންވުމުން ބޭރު ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި "ޕޮލިޓިކަލް ވިލް"އެއް އޮތްނަމަ އެހެނިހެން އިދާރާތަކާ ގުޅިގެން މަދު ވަސީލަތްތައް ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ހިދުމަތް މިހާރުވެސް އެމްއެންޑީއެފްއިން ދެމުންގެންދާ ގޮތަށް ދެވިދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެކަނި އަލިފާން ނިއްވުމުގެ ހިދުމަތް ވަކި ސިވިލް ހިދުމަތަކަށް ހެދުމުން އޭގެ ސަބަބުން ބޯހިޔާވަހިކަމާއި ނަރުދަމާއާއި އެފަދަ މުހިއްމު މަޝްރޫއުތަކަށް ކުރަން ޖެހޭ ހަރަދުތަކަށް އޮންނަ ފައިސާ މަދުވެގެން ދާނެ ކަަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ފަހަރެއްގައި އައިސްދާނެ ފަޔާ އިންސިޑެންޓް ކައިރިކައިރީގައި ހަމަ. އެހެން ނަމަވެސް ފަޔާއެއް ނައިސްވެސް އެތައް ޒަމާނެއް އައިސްދާނެ. އެމްއެންޑީއެފްގެ ބޭފުޅުން ވިއްޔާ އެބޭފުޅުން އެހެން މަސައްކަތްކުރައްވާ އެހެން ތިއްބަވައިގެން ހުސްވެލައިގެން ފަޔާއެއް އައިސްދާނެތީ ތިއްބަވަނީކީ ނޫން،" މާރިޔާ ވިދާޅުވިއެވެ.