ނިިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނުނަމަ، އިންޓަނެޓް އަގު މިހާރު އޮންނާނީ ކުޑަ ކޮށްފައި ކަމަށް އެ އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ސަރުކާރަށް 10 މަސް ވެގެން ދިޔަ އިރު، އިންޓަނެޓު އަގު ހެޔޮކުރެވިފައި ނުވާތީ ސަރުކާރަށާއި ޓެކްނޮލޮޖީ މިނިސްޓްރީއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިންޓަނެޓު އަގު ހެޔޮކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރުގެ ކުރީކޮޅު ކުރުމަށް ނިންމި ކަމެއް ކަމަށެވެ. އެގޮތުން އިންޓަނެޓު އަގު އެންމެ ކުޑަވެގެން 33 ޕަސަންޓަށް ކުޑަކުރުމުގެ ޕްލޭނެއް ހެދިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ފުރުސަތު އޮތް އެކަން ކުރަން. އެކަން އަޅުގަނޑުމެންނަށް ކުރެވުނުނަމަ، އިންޓަނެޓު ހަލުއިވެގެން ދާނެ. އަދި އިންޓަނެޓަށް ހޭދަ ކުރާ މިންވަރު ތިން ބައިކުޅަ އެއްބައި އެންމެ ކުޑަމިނުން ހަރަދު ކުޑަވެގެން ދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަމިއްލަ ސަބްމެރިން ކޭބަލެއް ރާއްޖެއަށް ގަނެ، އިންޓަނެޓުގެ އަގު ހެޔޮކުރައްވާނެކަމަށް ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

ރޭ ރައީސް ޔާމީން ވިދާޅުވީ އެކަންތައް ކުރެވުނުނަމަ ޒުވާނުންނާއި ކިޔަވާކުދިންނާއި މުދައްރިސުންނާއި ދިރާސާތައް ހަދާ މީހުންނަށް އޭގެ މަންފާ ކުރާނެކަމަށެވެ.

"މި ސަރުކާރުން އެކަމާ [އިންޓަނެޓް އަގުހެޔޮ ކުރުމާ] ދޭތެރޭ ކީކޭތޯ ބުނަނީ، އަންނަނީއޭ، އަންނަނީއޭ. މިއޮށް އަންނަނީއޭ،" ސަރުކާރަށް ޖޯކު ޖައްސަވަމުން ވަރަށް ފޯރީގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުުރުމުގައި އުޅޭނީ އެކަމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި ސަރުކާރުގެ މައްސަލަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ އެމަނިކުފާނު އިފްތިތާހުކޮށްދެވި ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އިންޓަނެޓް އަގުހެޔޮ ކުރުމަށް ސީދާ ވަކި ތާރީހެއް ހިމަނާފައެއް ނުވެއެވެ.

އެސްއޭޕީގައި ސީދާ އިންޓަނެޓް އަގުހެޔޮ ކުރުމަށް ހިމެނިފައ ނުވާކަން ކޮމިއުނިކޭޝަން ސައިސްސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުވެސް އެއްބަސްވެވަޑައިގަންނަވައެވެ.

މަލީހު ރޭ "ސަން"އަށް ވިދާޅުވީ، އިންޓަނެޓް އަގު ހެޔޮކުރުމަށް އެސްއޭޕީގައި ސީދާ ހިމެނިފައި ނެތް ނަމަވެސް، އެކަމަށް މަގުފަހިކުރުމުގެ ގޮތުންނާއި އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުޅާ މާނައެއްގައި ކަންތައްތަކެއް ހިމެނިފައިވާނެ ކަމަށެވެ. އަދި ނެޓުގެ އަގު ހެޔޮކުރުމަށް ކުރަންޖެހޭ ކަަންކަން ނިންމައި، ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށާއި ދެން ގޮތެއް ނިންމަވާނީ އެތަނުން ކަމަށްވެސް މަލީހު ވިދާޅުވިއެވެ.