އިޓަލީގެ އާ ސަރުކާރަށް ތާއީދު ހޯދުމުގެ ގޮތުން އާ ބޮޑުވަޒީރު އެ ގައުމުގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިޓަލީގެ އާ ބޮޑުވަޒީރު މާރިއޯ މޮންޓީ އަކީ ކުރިން އިޓަލީގެ ފަރާތުން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އިޓަލީ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ގުޅިގެން އަޅަން ފެންނަ އިމަޖެންސީ ފިޔަވަޅުތަކާ މެދު ޕާލަމެންޓްގައި ނެގި ވޯޓްގައި ކުރީގެ ބޮޑުވަޒީރު ބެރްލަސްކޯނީގެ ޕާޓީ އަށް ތާއީދު ގެއްލުމާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމުންނެވެ.
ސިޔާސީ ބޮޑު ދެ ޕާޓީގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު މޮންޓީ ވިދާޅުވެފައި ވަނީ ދެކެވުނު ވާހަކަތަކަކީ ބިނާކުރަނިވި ވާހަކަތަކެއް ކަމަށެވެ.

އިޓަލީގައި އާ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މޮންޓީ ވިދާޅުވެފައި ވަނީ އަވަހަށް ކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް ސިޔާސީ ނޫން ޓެކްނިކަލް އެކްސްޕާޓުންގެ ޓީމެއް ނެގުމަށް އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
އިޓަލީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ދަރަނީގެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އިޓަލީގެ އާ ބޮޑުވަޒީރު މަގާމަށް އައްޔަން ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.