04 Oct 2019, 10:46
ސާޖިދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު "ހައުސްފުލް 4"ގެ ޓްރެއިލާ ނެރެފިއެވެ.
މި މަހު 25ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާއިން ދައްކަނީ 600 އަހަރު ކުރީގައި ހިނގާފައިވާ ކަންތައްތަކެވެ. ރަސްގެފާނަކު އޭނާގެ ތިން އަންހެން ދަރިންނަށް ކައިވެެނިކުރާނެ ފިރިހެނުން ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ޓްރެއިލާއިން ފެނިގެން ދިޔައެވެ.
ޓްރެއިލާއަށް ވަނީ 55 މިލިއަން ވިއުސް ލިބިފައެވެ.
ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލްއެވެ. އަންހެން ލީޑު ތަރިންނަކީ ކްރިތީ ސެނަން، ޕޫޖާ ހޭގް އަދި ކްރިތީ ހަރްބަންދާއެވެ.
އަކްޝޭ ކުރިން ބުނެފައި ވަނީ އެ ސީރީޒްގެ އެހެން ފިލްމުތަކަށް ވުރެ "ހައުސްފުލް 4" ހަތަރު ގުނަ މަޖާވާނެ ކަމަށެވެ.
"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. "ހައުސްފުލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.