04 Oct 2019, 14:33
ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ހިމެނޭ ފިލްމު "ވޯ" ރިލީޒްކުރި ފުރަތަމަ ދުވަހުވެސް ގިނަ ރެކޯޑުތަކެއް ހަދައިފިއެވެ.
އެ ފިލްމު ވަނީ އިއްޔެ ރިލީޒްކޮށްފައެވެ. ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 53.35 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ބެލެވޭ ގޮތުގައި މި ފިލުމަށް އަންނަ ހަފްތާތެރޭ 100 ކުރޯޑުގެ އާމްދަނީ ލިބޭނެއެވެ.
"ވޯ" ވެގެން ގޮސްފައިވަނީ ހިންދީ ސިނަމާއިން ވެސް އެންމެ ބޮޑު އޯޕަނިންގް ހޯދި ފިލްމަށެވެ. އަދި ރިތިކް އާއި ޓައިގާގެ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޯޕަނިންގް ފިލްމަށެވެ.
ޗުއްޓީ ދުވަސްވަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އޯޕަނިންއެއް ލިބުނީ މި ފިލްމަށެވެ. އަދި ޔަޝް ރާޖް ފިލްމު ކުންފުނީގެ ވެސް އެންމެ ބޮޑު އޯޕަނިންގްއެވެ.
ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝް ބުނީ ހިންދީ ސިނަމާގައި "ވޯ" ވަރުގަދަ ބެންޗްމާކެއް ހަދައިފި ކަމަށެވެ. އަދި މި ފިލްމު ހިންދީ ސިނަމާގައި ތާރީހީ ފިލްމަކަށްވެސް ހަދައިފި ކަމަށެވެ.
"ވޯ" ވަނީ 4000 ސްކްރީނުގައި ދައްކާފައެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާ ބަތަލަކީ ވާނީ ކަޕޫރެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްރާއެވެ.