04 Oct 2019, 00:07
ދިވެހި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހީންނަށްވުރެ ބިދޭސީން ގިނަކަން ތަފާސްހިސާބުން ހާމަވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހީންގެ އަދަދަކީ 17،138 ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދަކީ 18،947 ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އެ އަދަދުތަކަށް ބަލާނަމަ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހީންނަށްވުރެ 1،809 އިތުރު ބިދޭސީން ރިސޯޓުތަކުގައި ހަރަކާތްތެރިވެއެވެ.
ރިސޯޓުތަކުގެ ތެރެއިން ދިވެހި މުވައްޒަފުން 45 ޕަސެންޓަށްވުރެ ދަށް 58 ރިސޯޓެއް ރާއްޖޭގައި މިވަގުތު ހިންގަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީގެ ކަނޑައެޅިފައިވާ މިންގަނޑުގައި ހިފަހައްޓާފައިވާ ރިސޯޓުގެ އަދަދަކީ 86 ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީންގެ އަދަދު އިތުރުކުރުމަށް ދައުލަތުން ބޭނުންވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
މިރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައިވެސް އަލި އަޅުވާލާފައިވަނީ ދިވެހީން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރުމަށެވެ. އެގޮތުން ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ބިދޭސީން ގިނަ ކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ދިވެހީން އިތުރުކުރަން ބޭނުންވާ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުގައި ދިވެހީން އިތުރުކުރުމަށް ހިމެނޭ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.