03 Oct 2019, 23:44
ދިވެހި ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައި ގޮތާ ގުޅޭ ގޮތުން އާންމުކޮށް ނޭނގޭ ބައެއް ތާރީހީ ވާހަކަތކެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ފާހަގަ ކުރައްވައިފި އެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި "ކޮރޮސްރޯޑް މޯލްޑިވްސް"ގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން އުފެދިގެން އައިގޮތުގެ މައްޗަށް ލިޔެފައިވާ ފުރަތަމަ ފޮތް މީގެ ދުވަސްކޮޅެއް ކުރީން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ފޮތަކީ ރާއްޖޭގެ ޓޫރިޒަމްގެ ފެށުމުގައ އިސް ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން ކިޔާ ބޭފުޅަޖު ލިޔުއްވާފައިވާ ފޮތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭނާ ފުރަތަމަ ރާއްޖެއަށް އަންނަން ގަސްތުކޮށްފައިވަނީ 1968 ވަނަ އަހަރު. އެއީ ހަމަ ރާއްޖޭގައި ޓުއަރިޒަމް ތަރައްގީކުރެވިދާނެތޯ ބެލުމަށް ކުރަން ނިންމި ދަތުރެއް. އެހެންނަމަވެސް އޭނާއަށް އެ އަހަރު އާދެވޭ ގޮތެއް ނުވި. އެހެންނަމެސް އޭނާ ރާއްޖެ އައުމަށް 1971 ވަނަ އަހަރު ސިލޯނަށް ދިޔަ،" އެމަނިކުފާނު ވިދާޅުވި އެވެ.
ކޯބިން ރާއްޖެ އައީ "މޯލްޑިވްސް އެކްޕޯޓާ" ނަމަކަށް ކިޔައި ކަނޑު އުޅަނދެއްގައި ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި ނަސީމް) އާ އެކުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެއަށްފަހު ދެވަނަ ފަހަރަށް 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީގެ ޓުއަރިސްޓް ގްރޫޕަކާއެކު ކޯބިން ރާއްޖެ އައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ޖޯޖް ކޯބިން ހިމެނޭ ޖޮއިންޓް ވެންޗާއެއް ހެދިގެން ދިޔަ ކަމަށާއި އެ އޭޖެންސީން ރާއްޖޭގައި ފުރަތަމަ ރިސޯޓު ހެދުމުގެ މަސައްކަތް ފެށިކަމަށް ރައީސް ވިދާޅުވި އެވެ.
އަހުމަދު ނަސީމަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ކޯބިން ހުށަހެޅުމުން އޭރު ލަންކާގައި ހުންނެވި ދިވެހި ސަފީރު ކޯބިން ދެއްކެވި ބޭފުޅެކެވެ. ނަސީމް އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ފޮރިން މިނިސްޓްރީގަ އެވެ. ނަސީމް ކޯބިން ގާތުގައި އެދުނީ ރާއްޖެ އައުމަށެވެ.
ރައީސް ވިދާޅުވީ އެ ރިސޯޓް ހެދުމަށްޓަކައި ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ނަސީމްގެ ބައްޕަ މުހައްމަދު ކަލޭފާނު ކަމަށެވެ.
"އެ ބޭފުޅުންނަށް ހިއްސާ ވާގޮތަށް. ފަހުން ފައިސާ ދައްކާގޮތަށް ނަސީމްގެ ބައްޕަގެ ފައިސާއިން އެ ދެބޭފުޅުން ރިސޯޓު ގާއިމުކުރި،" ރައީސް ވިދާޅުވި އެވެ.
ރިސޯޓު ހުޅުވިގެން ދިޔައީ މީގެ 48 އަހަރު ކުރީން މިއަދު އޮކްޓޯބަރު ތިނެއްގައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ ރިސޯޓަކީ 30 ކޮޓަރީގެ 60 އެނދުގެ ރިސޯޓެއް ކަމަށެވެ. ފުރަތަމަ އެ ރިސޯޓުގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކީ ޗަމްޕާ ހުސައިން އަފީފް ކަމަށް ރައީސް ކިޔައިދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ 10ގައި ރާއްޖޭގައި ދެވަނަ ރިސޯޓެއް ހުޅުވިގެން ދިޔަ ކަމަށެވެ. އެއީ އެއިރުގެ ވެރިކަމުގައި ހުންނެވި އިބްރާހީމް ނާސިރު އިސްވެ ހުންނަވާ ކްރެސެންޓް ޓުއަރިސްޓް އޭޖެންސީގެ ދަށުން ހުޅުވި ރިސޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ރިސޯޓުގެ ފުރަތަމަ މެނޭޖަރަކީ އަހުމަދު އާދަމް އެވެ.
"މިއީ އަޅުގަނޑުމެން މިއަދު މި ދެކޭ ޓުއަރިޒަމް ރާއްޖެއަށް ތައާރަފުކޮށްދެއްވި މިކަމުގެ ފަހުރުވެރި ޝަރަފު ލިބިގެންދާ އަޅުގަނޑުމެންގެ ދިވެހި ދަރީން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.