03 Oct 2019, 22:31
ރާއްޖޭގެ ރިސޯޓުގެ މަތީ މަގާމުތަކުގައި މަސައްކަތްކުރާ ދިވެހީންގެ ނިސްބަތް އިތުރުކުރަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓުއަރިޒަމް ދުވަހުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ދިވެހީން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާ ކަމަށެވެ.
ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުން އެނގިގެންދަނީ ރައްޔިތުންނަކީ ފުދުންތެރި ބައެއްގެ ގޮތުގައި ހެދުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޝިއާރަކީ "ޓުއަރިޒަމް އެންޑް ޖޮބްސް – އަ ބެޓާ ފިއުޗާ ފޮ އޯލް" އެވެ.
"މި ޝިއާރުންވެސް މި އެނގެނީ އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައިގެ ތެދު. ރިސޯޓުތަކުގެ މަތީ މަގާމުން ދިވެހިންނަށް ފުރުސަތު ލިބުމަކީ މި ސިނާއަތު ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ފަތުރުވެރިކަން ކުރިއަރައިގެން އައީވެސް ދިވެހީންގެ ބުރަ މަސައްކަތްތަކުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި މިހާރުވެސް ގިނަ އަދަދަކަށް ބިދޭސީން ތިބިއިރު ވަޒީފާ ނެތިގެން އުޅޭ ޒުވާނުންވެސް އެބަ ތިބި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިސޯޓުތަކުގައި ބިދޭސީން ކުރާ މަސައްކަތް އެއަށްވުރެ ފުރިހަމައަށް ކުރާނެ ދިވެހީން ތިބި ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ވަޒީފާތަކަށް ދިވެހީން އިތުރުކުރުމަކީވެސް ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ޝިއާރުން އިތުރަށް އެނގިގެން ދަނީ ފަތުރުވެރިކަމުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ލިބޭނޭ ގޮތަށް ކަންކަން ރޭވުމުގެ މުހިއްމު ކަން ކަމަށެވެ. އަދި އޭގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން، އާންމު ދިރިއުޅުމާއި ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މިއަހަރުގެ ޝިއާރުން އެނގޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.