15 Nov 2011, 12:16
ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނުނާއި އެއްގޮތަށް ނިންމާފައިވަ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި އަދި މިހާރު ބާއްވަން އުޅޭ ގޮތަށް ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޑީއާރްޕީން ހައިކޯޓަށް މައްސަލަ ވައްދައިފި އެވެ.
ޑިއާރްޕީން އެ މައްސަލާގައި ވަކާލާތުކުރައްވާ ޕީޕީއެމްގެ ކައުންސިލް މެންބަރު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ ހައިކޯޓަށް އިއްޔެ މައްސަލަ ހުށަހެޅީ އިލެކްޝަނުން އަންނަ ހޮނިހިރު ދުވަހު ތުޅާދޫ ކައުންސިލުގެ ބައި އިލެކްޝަން ބާއްވާން ނިންމާފައިވުމާއިއެކު ޑީއާރްޕީން މިދިޔަ ހަފުތާގެ ތެރޭގައި ތުޅާދޫ ކޯޓަށް ހުށައަޅާފައިވާ މައްސަލަ ގާޒީއަކު ނެތުމުގެ ސަބަބުން މިހާތަނަށް އަޑުއެހުމެއްވެސް ބޭއްވިފައި ނުވާތީ ކަމަށެވެ.
ތުޅާދޫ ކޯޓަށް ޑީއާރްޕީން މައްސަލަ ހުށަހެޅީ ޑީއާރްޕީއަށް ނިސްބަތްވާ ކައުންސިލު މެންބަރު ކަމުން އުމައިރާ އަބޫބަކުރު ވަކިކުރުމަށް ތުޅާދޫ ކައުންސިލްގެ ރައީސް ނެރުއްވާފައިވާ ސިޓީއަކީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
"އުމެއިރާގެ ގޮނޑި ހުސްވިކަމަށް ކައުންސިލްގެ ރައީސްގެ ސިޓީއަކުން، ގާނޫނީ ގޮތުން ނުނިންމޭނެ. އުމެއިރާ ވަކި ކުރިކަމަށް އެގޮތަށް ނިންމޭނީ ކައުންސިލްގެ މެމްބަރުންގެ އަގުލަބިއްޔަތު ހިމެނޭ ގަރާރަކުން ފާސް ކޮށްގެން. އެހެންވެ އަޅުގަނޑުމެން މިބުނަނީ ގާނޫނާއި އެއްގޮތަކަށް ނޫނޭ ކައުންސިލުން އެކަން ކޮށްފައި އޮތީކީ،" އާޒިމާ ވިދާޅުވިއެވެ.
އިލެކްޝަނުން ބުނެފައި ވަނީ މިއަންނަ ހޮނިހިރު ދުވަހު ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާން ނިންމީ ތުޅާދޫ ކައުންސިލުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އުމެއިރާ އެ ކައުންސިލުން ވަކިވެއްޖެ ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ނަމަވެސް އާޒިމާ ވިދާޅުވީ ހައިކޯޓުގެ ހުކުމުގައި ބަލަން ބުނެފައިވާ ކަންކަން ބައްލަވަން ވާވަރަށް އިލެކްޝަނުން ނުބަލާ ދެ ވަނަ ފަހަރަށް ބައި އިލެކްޝަން ބާއްވާން ނިންމީ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އިލެކްޝަނުން އެކަށީގެންވާ ވަރަކަށް ނެތޭ ބަލާފައެއް. މީގެ ކުރިން ހައިކޯޓުން ނިންމާފައި އޮންނާނެ އިޖުރާއީ ގޮތުން ބަލަންޖެހޭ ކަންކަން ނިންމަންޖެހޭނެ ކަމަށް. ނަމަވެސް އެގޮތަށް ބައްލަވާފައެއް ނޫން އިލެކްޝަނުން އަނެއްކާ ވެސް އިންތިހާބު އިއުލާންކުރީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އަޅުގަނޑުމެން އެކަމާ ގުޅޭ އިތުރު މަޢުލޫމާތުދޭކަށް ބޭނުމެއް ނޫން ކޯޓުގައި އެކަމާ ފައިޓް ކުރާނަން،" އާޒިމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތުޅާދޫ ކައުންސިލުން އުމެއިރާ ވަކި ކުރި ކަމަށްބުނެ، އޭނާ ނުހިމަނައި ނިންމާ ނިންމުންތަކުގައި ގާނޫނީ އިތުރު މައްސަލަ ތަކެއް ކުރިމަތިވެގެން ހިގައިދާނެ ކަމަށް ގަބޫލް ކުރެވޭތީ އެކަމުން ވެސް ކުރިއަށް އޮތްތާގައި ކައުންސިލަށް ގޮންޖުހުންތަކެއް ކުރިމަތީވާނެ ކަމަށެވެ.
ތުޅާދޫ މައްސަލާގައި ވާހަކަދައްކަވަމުން ޑީއާރްޕީގެ ކައުންސިލް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިލެކްޝަންގެ ފަރާތުން އެރަށުގައި ވޯޓް ފޮށި ތައް ބަހައްޓާ ސަރަހައްދުތަށް ކަނޑައެޅިއިރު އެމްޑީޕީ މީހުން ޖަމިއްޔާއަކަށް ނިސްބަތްވާ ސަރަހައްދުގައި ވޯޓް ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާތީ އެކަމާ އެރަށުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ގެންދާ ކަމަށެވެ.
އުމެއިރާ ވަނީ އޭނާ ތުޅާދު މޭޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުގައި ހިގާފައިނުވާތީ އާއި އަދި އިލެކްޝަނުން މިއަންނަ ހޮނިހިރު ދުވަ އެރަށުގެ ބައި އިލެކުޝަން ބޭއްވުމަށް ނިންމާފައިވަތީ އެކަން ހުއްޓުވައި ދިނުމަށް އެދި ހައި ކޯޓަށް މިދިޔަ ހޯމަ ދުވަހު މައްސަލައެއް ހުށައަޅާފަ އެވެ.