03 Oct 2019, 20:16
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ގިނަ ވާހަކަތަކެއް ހުރުމުން، އެ ރިޕޯޓު ވަގުތީ ގޮތުން ނަގައި، މިއަދު އެ ޖަމްއިއްޔާ އިން ވަނީ މައާފަށް އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަދު 1346 ހާއިރު ފުލުހަށް ވާނީ އެ މައްސަލަ ހުށަހަޅާފައި ކަމަށެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާތީ، އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރިޕޯޓަކީ އެމްޑީއެން އިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ.
އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތާ ޚިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މައްސަލަ ހޫނުވުމުން އެމްޑީއެން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިރާސާ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.
އޭގެ އިތުރުން ވަގުތީ ގޮތުން ރިޕޯޓު އަނބުރާ ގެންގޮސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.