03 Oct 2019, 19:06
ސަރުކާރަށް އެކިގޮތްގޮތުން ލިބޭ ފައިސާއަށް ވާގޮތެއް ނޭނގޭ ކަމަށް ވިދާޅުވެ އެވަރުގެ ބަޔަކަށް 20،000 ފްލެޓު އެޅޭނެ ކަމާ މެދު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ކ. ދިއްފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، ރައްޔިތުންނަށް 30،000 ނުވަތަ 20،000 ފްލެޓް އަޅައިދެވުމާ ގުޅޭގޮތުން ސަރުކާރުން ނިންމާފައިވާ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އަހަރު ނިމެން ތިން މަސް އޮތް އިރު ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ބަޔަކަށް 20،000 ފްލެޓް އެޅޭނެގޮތާމެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިހާރު ރައީސް އޮފީހުުގެ ބަޖެޓް ހުސްވެއްޖެ، މިހާ ހާލުގައި އަޅުގަނޑުމެން މި ތިބީ. އެހެންވީމަ އަޅުގަނޑުމެން ސުވާލު އުފައްދަން އެބަޖެހޭ 30،000 އާއިލާއަށް ފުލެޓް އުފައްދާނީ ކިހިނެތްތޯ،" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުއަތުގައި މުސާރަ ދިނުމަށްވެސް ފައިސާ ނެތް ކަމަށެވެ. އަދި ފައިސާ ހޯދާނެ އިތުރު ގޮތްތަކެއްވެސް ސަރުކާރަށް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޮޑު މަޝްރޫއެއް ފަށާފައި ނުވާ ކަމަށެވެ.