ގައުމުގެ ހާރިޖީ ސިޔާސަތު ކާމިޔާބުވަނީ، ހާރިޖީ ވަޒީރު ދެކޮޅު ދެކޮޅަށް ރާއްޖެއިން ބޭރަށް އުދުހިގެން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ކ. ދިއްފުށްޓަށް ވަޑައިންނަވާ މިއަދު އެރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ އަތުގައި މުސާރަ ދޭނެ ވަރަށް ވެސް ފައިސާ ނެތް ކަަމަށާއި ފައިސާ ހޯދޭނެ އިތުރު ގޮތްގޮތެއް ނުވާ ކަމަށެވެ.

"ހާރިޖީ ސިޔާސަތު ކާމިޔާބުވާނީ އޭގެ ސަބަބުން ރައްޔިތުންނަށް އޭގެ މަންފާއެއް ލިބޭތަން ފެނުނީމަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތު ކާމިޔާބުވާނީ ސަލާން ޖަހަން ޖެހޭ ޖެހުމަށް ހައްލެއް އައިސް ފުދިގެން އުޅެވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި ހާރިޖީ ސިޔާސަތު ކާމިޔާބުވާކަން ކަށަވަރުވާނީ ދިވެހީންގެ އުސޫލުތައް ރައްކާތެރިކުރަން ބޭނުންވާ މިންވަރަށް ރައްކާތެރިކުރުމާއި މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމާއި ނުފޫޒުތަކުން އެއްކިބާވެ ތިބެވުމުންނެވެ.

"އެއްވެސް ގޮތަކަށް ކުރެވޭ ދަތުރުގެ އަދަދަކުުން، ރާއްޖެއިން ބޭރުގައި ހޭދަކުރާ ވަގުތުގެ އަދަދަކުން ނޫނީ ރައީސް ރާއްޖެއިން ބޭރުގައި ހޭދަކުރައްވާ ވަގުތުގެ އަދަދަކުން މިކަންކަން ކަށަވަރުވެގެނެއް ނުދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ ދަތުރުތަކަކީ ކުރައްވަން ޖެހޭ ދަތުރުތައް ކަމަށެވެ. އެހެންނަމަވެސް އެދަތުރުތަކުގެ ނަތީޖާ ފެންނަންވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން ގައުމުގެ ހާރިޖީ ސިޔާސަތު ވަރުގަދަ ނަމަ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީތައް "އޮހެން ވާނެ" ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.