ބަޣުދާދު (އޮކްޓޯބަރު 3): އިރާގުގެ ބަޣުދާދުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އިއްޔެ އެ ސިޓީގައި ކާފިއު އިއުލާން ކުރި ނަމަވެސް މިއަދު ވެސް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު އިރާގުގައި މުޒާހަރާތައް ފެށުނީ ފެނާއި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ. އެމުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، 20 މީހަކު މަރުވެ، އެތައް ސަތޭކަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އަދި މިއަދު ބޭއްވި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ބަޑި ވެސް ޖަހައިފަ އެވެ.

ބަޣުދާދުގައި އިއްޔެ ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާން ކުރީ ހަމަނުޖެހުންތައް ހުއްޓުވުމަށާއި މުޒާހަރާގެ ބައިވެރިން ރައްކާތެރި ކުރުމަށް ކަމަށް ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވިދާޅުވި އެވެ. ބަޣުދާދުގެ އިތުރުން ނަޖަފް އާއި ނަސްރިއްޔާ ސިޓީގައި ވެސް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

އެއީ މިދިޔަ އަހަރު ބޮޑުވަޒީރު ކަމަށް މަހުދީ ވަޑައިގެންނެވި ފަހުން އެގައުމުގައި ބާއްވާ އެންމެ ބޮޑު މުޒާހަރާތަކެވެ.