03 Oct 2019, 14:45
ބިދޭސީންގެ ދިގު ކިއުތަކަށް ހަލެއް ހޯދުމަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށްޓަކައި ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން "ރެގިއުލަރައިޒް ވާން އެދޭ ބިދޭސީންގެ ދަފްތަރު"ގައި ރަޖިސްޓްރީވުމަށްޓަކައި މިނިސްޓްރީގެ އޮފީހުން ނަންބަރު ދޫކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.
ދެން ކިޔޫ ނަންބަރު ދޫކުރުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 5:00 އަށް ގަލޮޅު ދަނޑުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޕޮއިންޓްމަންޓް ހެއްދުމަށްޓަކައި ދަނޑަށް ވަނުމަށް ބޭނުންކުރާނީ ދެ ނަންބަރު (އޮލިމްޕަސް ކުރިމަތި) ގޭޓު ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ގަލޮޅު ދަނޑުން ނަންބަރު ދޫކުރަން ފެށުމުން ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް އަންނާނެ އެވެ.
ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދީ ކިޔޫ ނަންބަރު ދޫކުރަމުން ދިޔައީ ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގަ އެވެ.
ކިޔޫ ނަންބަރު ދޫކުރަން ފެށުމާއެކު އެތަނުގައި ރޭގަނޑުން ފެށިގެން ބިދޭސީން ދިޔައީ ދިގު ކިޔޫ ހަދަމުން ދެއެވެ. އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން މިނިސްޓްރީން ދުވާލަކަށް ދޫކުރަމުން އަންނަނީ، 100-150 ކިއު ނަންބަރެވެ.
އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި 63،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް ދަނީ އުޅެމުންނެވެ