15 Nov 2011, 10:27
"އެންޑް ފުޓްސަލްކަޕް" ގެ ނަމުގައި އިއްޔެ ހަވީރު ހދ. ނޭކުރެންދޫގައި ފެށި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދެ މެޗް ވިޔެސް އާއި އެކްސް ޒީރޯގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭ ފަޅިން ވާދަކުރާ ދެ ޓީމެވެ. އެގޮތުން މިމެޗް ވިޔެސް ޓީމުން ކާމިޔާބު ކުރީ އައިލް ނިއު އެޑިޝަންއާ ބައްދަލުކޮށް 12 ލަނޑު 1 ލަނޑުން ނެވެ.
އިއްޔެގެ މެޗުގައި ވިޔެސްޓީމުގެ އިބްރާހިމް އަގީލާއި ހުސެން ފަވާޒު، ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ޖަހާފައި ވާއިރު، އެޓީމްގެ އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިން ދެ ކުޅުންތެރިންނަކީ އިބްރާހީމް ފަޒީލް އަދި އަހްމަދު ނާފިޒެވެ.
މެޗްގައި އައިލް އިން ޖެހި ހަމައެކނި ލަނޑު ޖަހާފައިވަނީ އެޓީމުގެ ކެޕްޓަން ޠަލްހަތު ޢަބްދުލް ޢަޒީޒެވެ.
މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޔެސްގެ ޖާޒީނަމްބަރު ހަތެއް ހުސެން ފަވާޒެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗު ކާމިޔާބު ކުރީ ގްރޫޕް ބީފަޅިން ވާދަކުރާ އެކްސް ޒީރޯގެ ޓީމުންނެވެ. މިމެޗް ޒީރޯގެ ޓީމުން ކާމިޔާބު ކުރީ މާޒިންސް ޓީމާ ބައްދަލުކޮށް ހަތަރު ލަނޑު އެއް ލަނޑުން ނެވެ.
އެކްސް ޒީރޯއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ ސިޔާހު ޖަހާފައިވާއިރު އަނެއް ދެ ލަނޑު ޖަހާފައިވަނީ ހަސަން ސިފާޒު އަދި ހުސެން ނާސިހުއެވެ. އަދި މާޒިންސްއިން މެޗްގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ކުޅަދާނަ ފޯވާޑް އަހްމަދު އިމާޒް(އާއްކޮ) އެވެ.
މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެކްސް ޒީރޯގެ ޖާޒީ ނަމްބަރު 33 އަލީ ސައުދުﷲ އެވެ.