03 Oct 2019, 14:00
ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން، އެ މަޖިލީހުގެ އިދާރީ ހިންގުމުގެ ތިން އިސްވެރީން އަލުން އައްޔަނުކުރަން ފާސްކޮށްފިއެވެ.
އަލަށް އެކުވަލާލި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ އަލަށް އިންތިހާބުވާ ކޮންމެ މަޖިލީހެއްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސް ގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހެއެވެ.
އެ ތިން މަގާމުގައި މިހާރު ހުންނެވީ އަމީން އާންމުގެ ގޮތުގައި ފާތިމަތު ނިއުޝާ، ކައުންސެލް ޖެނެރަލްގެ ގޮތުގައި ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި މުހައްމަދު ހަލީމެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރުމަށް ވޯޓަށް އެހި އިރު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުވީ އެ ތިން ބޭފުޅުން އައްޔަނުކުރުމަށެވެ.
ތިން ބޭފުޅުންގެ މަގާމުތަކަށް ވޯޓަށް އެހި އިރު އެބޭފުޅުން މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންނެވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ހިމެނޭ އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.
މަޖިލީހުގެ އަމީން އާންމުގެ މަގާމަޑް ފާތިމަތު ނިއުޝާ އެންމެ ފުރަތަމަ އައްޔަނުކުރެވުނީ 9 ޖުލައި 2018 ގައެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަމީން އާންމުގެ ނައިބުކަން ހަ އަހަރު ވަންދެން އޭނާ އަދާކުރެއްވިއެވެ.
މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް މިއަދު ފާސްކުރި ފާތިމަތު ފިލްޒާ ގެންދަނީ 18 ޑިސެމްބަރު 2011 އިން ފެށިގެން އެ މަގާމު އަދާކުރައްވަމުންނެވެ. އަދި ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމަކީ 31 އޮކްޓޫބަރު 2013 އިން ފެށިގެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެ ކުރިން ހަލީމް ވަނީ އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ.