ސޫރިޔާގެ ރައްޔިތުންނަށް ޓަކައި އެ ގައުމުގެ ރައީސް ކަމުން ބައްޝާރުލް އަސަދު އިސްތިއުފާ ދެއްވުމަށް އުރުދުންގެ ރަސްގެފާނު އަބުދުﷲ ބިން ހުސައިން ގޮވާލައްވައިފި އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އަރަބި ލީގުން ސޫރިޔާ ސަސްޕެންޑްކުރުމަށް އެޖަމާއަތުން ނިންމާފައި ވަނިކޮށެވެ.

"އޭނާގެ މަގާމުގައި އަހަރެން ހުރި ނަމަ އަހަރެން އިސްތިއުފާދޭނަން. އަދި އަހަރެންގެ ފަހުން އަންނަ މީހަކަށް މިހާރުގެ ހާލަތު ބަދަލުކުރެވިދާނެ ކަމަށް ގަބޫކުރާނަން،" ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވެފައިވެ އެވެ.
އަބްދުﷲ އަދި ވިދާޅުވެފައި ވަނީ އަސަދު އިސްތިއުފާ ދެއްވުމުގެ ކުރިން ސޫރިޔާގައި ސިޔާސީ ހަޔާތުގެ އާ ބާބެއް ފެށޭނެ މާހައުލެއް ވެސް އުފައްދައިދޭން ޖެހޭނެ ކަމަށެވެ.

އަސަދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް އަބްދުﷲ ސިފަކުރައްވާފައިވާ ގޮތުގައި އަސަދަކީ ސޫރިޔާއަށް އިސްލާހުތައް ގެންނެވޭނެ ބޭފުޅެކެވެ. ނަމަވެސް އެގައުމުގައި އޮތް ސިޔާސީ ނިޒާމުގެ ސަބަބުން އެކަން ނުކުރެއްވެނީ އެވެ.

ކިންގް އަބްދުﷲގެ ވާހަކަފުޅާ ގުޅިގެން ސޫރިޔާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަވަށްޓެރިން ކަމުގައި ވިޔަސް ސޫރިޔާ އާއި އުރުދުން އާ ދެމެދު ފާއިތުވި 20 އަހަރު ވެސް މާ ރަނގަޅު ގުޅުމެއް ނެތް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި މިދިޔަ މާޗް މަހު ކުރަން ފެށި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަމުގައި މިހާތަނަށް ވަނީ 3500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.