03 Oct 2019, 12:25
މުއްސަނދިވުމަކީ ކުށަކަށް ވާވަރަށް ބައެއް ދިވެހީންގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި މިއަދު ކުރިއަށްދާ މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019 ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކޮށް، ރަށް ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.
"ބައެއް ރަށްތަކަށް އެރީމާ ދިމާލަށް އެބަ ބުނޭ، ކީއްހޭ ޓޫރިޒަމް އިން ކުރަނީ. މިވެނި ރަށެއްގައި އެއާޕޯޓެއް ނެތޭ، މިވެނި ރަށެއްގައި މިވެނި އެއްޗެއް ނެތޭ. ކީއްކުރާ ބައެއް ހޭ. މި މުއްސަނދިންގެ ފަރާތުން ވާކަމެއް ނެތޭ. މުއްސަނދިވުމަކީ ކުށަކަށް ވާވަރަށް ބައެއް މީހުންގެ ވިސްނުން ދިވެހިރާއްޖޭގައި ބަދަލުވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ގޯސް ވިސްނުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު އެކި ވަޒީފާތަކުގައި ދިރިއުޅޭ މީހުންގެ މުސާރަ ވެސް ދެވެނީ ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތުން އޮތުމުގެ ސަބަބުން ކަމަށެވެ.
އަދި ފާއިތުވި 47 އަހަރު ތެރޭގައި ރާއްޖެއަށް ލިބިފައިވާ ތަރައްގީ އާއި ކުރިއެރުމުގެ ފަހަތުގައި ތިބީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް 1970ގެ އަހަރުތަކުގައި މަސައްކަތް ކުރެއްވި ފަރާތްތައްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސް 2019ގެ ތެރެއިން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިހާރު ކުރިއަށްދާ މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސް 2019ގެ މަގުސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މި ސިނާއަތު އިތުރަށް ކުރިއެރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އިސް ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުގައި ތިބެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.
ދުއިސައްތަ ބައިވެރިންނާ އެކު ފެށި މި ކޮންފަރެންސްގައި މައިގަނޑު ހަތަރު ސެޝަނެއް ކުރިއަށްދާނެ އެވެ. ކޮންފަރެންސްގެ އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ ދާއިރާގައި ރައްކާތެރިކަމާއި ސަލާމަތުގެ ކަންތައްތަކާ ގުޅޭ ގޮތުން ބާއްވާ "ޓެރަރިޒަމް އެންޑް ސެކިއުރިޓީ އިން ގްލޯބަލް ޓޫރިޒަމް"، ކްލޯޒްޑް ޑޯ ސެޝަނެވެ.
މި ސެޝަން ކުރިއަށްގެންދާނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އިނގެރޭސިވިލާތުން ވަޑައިގެން ތިއްބެވި ތަޖުރިބާކާރުންނެވެ. މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ބޮޑުވެފައިވާ އިރު، ރާއްޖެއަކީ އެންމެ ރީތި އަދި އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި ބާއްވަން ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ އެންމެ ހަތް ޕަސެންޓު ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ މި ދާއިރާއަށް ދިވެހި އަންހެނުން ނެރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެއަށް ފަހު ދެން ކުރިއަށްދާނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ބާއްވާ "އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެންޑް ސަސްޓެއިނަބިލިޓީ" ސެޝަން އާއި ސޯޝަލް އިންކްލޫސިވްނެސް، އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ފަގީރުކަން ކުޑަކުރުމާ ގުޅޭ ސެޝަން އަކާއި ދިވެހި ފަންނާނުންނަށް ޓޫރިޒަމް ދާއިރާގައި ފުރުސަތު ބޮޑުކުރުމާ ގުޅޭ "އާޓިސްޓްސް ސެޝަން" އެވެ.
މޯލްޑިވްސް ޓުއަރިޒަމް ކޮންފަރެންސް 2019ގެ ތެރެއިން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ކޮންފަރެންސްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށް، ދާއިރާގެ އިސް ފަރާތްތަކުގެ ހިޔާލު ހޯދާ މުހިންމު ނިންމުންތަކެއް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދުނިޔެގެ ފަތުރުވެރިކަން ފާހަގަ ކުރަން މި ފަހަރު ރާއްޖެ އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. މި ކޮންފަރެންސަކީ އެގޮތުން ބާއްވާ އެންމެ ފަހު ހަރަކާތެވެ.
މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުން ހަރަދުކޮށްގެން ބާއްވަނީ މި ކޮންފަރެންސް އެކަނި ކަމަށެވެ. އެހެން ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެ ހަރަކާތްތަކުގައި ބައިވެރިވި 30 ވަރަކަށް ކުންފުނީގެ އެހީތެރިކަމާ އެކު އެވެ.