03 Oct 2019, 10:23
ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު 48 ބިލެއްގެ މަސައްކަތް މި ދައުރުގައި ކުރުމަށް ރާވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި، އެއް މަހެއްހާ ދުވަހުގެ ޗުއްޓީއަށް ފަހު، މިއަދު ވަނީ ތިން ވަނަ ދައުރު ގެ ޖަލްސާތައް ފަަށައިފަ އެވެ.
ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މި ދައުރުގައި ސަރުކާރުގެ ފަރާތުން 30 ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ ފަރާތުން އިޝާރާތް ކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ މަޖިލިސް މެނިފެސްޓޯ "އެޖެންޑާ19" ގައި ހިމެނޭ 18 ބިލެއް ވެސް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ދައުރުގެ ބިލްތައް:
އިންތިގާލީ އިންސާފުގެ ބިލު
- ފުލުހުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލ
- ކޯޓުގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލު
- އިންކަމް ޓެކްސް ނެގުމުގެ ބިލު
- ލާމަރުކަޒީ ގާނޫނުނަށް އިސްލާޙުގެ ގެނައުމުގެ ބިލު
- ފެނާ ކަރަންޓާ ނަރުދަމާއާ ގުޅޭ ބިލު
- ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު
- ރުއް ގަހާ ގުޅޭ ބިލެއް
- ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ތައުލީމީ ދާއިރާއާ ގުޅޭ ބިލު
- އާއިލާއާ ވަރި ކައިވެންޏާ ގުޅޭ ބިލެއް
- ވަޒީފާއެއް ހޯދާ މީހުނަށް އިނާއަތެއް ދޭ ބިލު
- އެންމެ ކުޑަ އުޖޫރައެއް
- ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު
ރައީސް ނަޝީދު ވިދާޅުވީ، އެ ބިލުތަކުގެ އިތުުރުން ދެން އެންމެ ބޮޑު މަސައްކަތަކީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކަމަށެވެ. މި ދައުރުގައި މަޖިލިސް އެންމެ ބޮޑަށް ތައްޔާރު ވާނީވެސް ބަޖެޓަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާގޮތުން މަޖިލީހުގެ ތިންވަނަ ދައުރުގެ މުއްދަތަކީ، އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.
ތިން ވަނަ ދައުރުގައި ކުރެވޭ މަސައްކަތުގެ ތެރޭގައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭ އިރު، އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނަކީ 2008 ގައި ތަސްދީގު ކުރެވުނު ގާނޫނެއް ކަމަށާއި އެ ގާނޫނު އިސްލާހު ކުރެވެން ޖެހޭ ކަމަށެވެ. ގާނޫނުނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ފުލުހުންނަށް ދޭ ބާރުތަކަކީ، އެންމެ ރަނގަޅަށް ބޭނުން ކުރޭތޯ ބެލުމަށް މެކޭނިޒަމެއް ތާރަފް ކުރަން ޖެހޭ ކަމަށެވެ.