03 Oct 2019, 10:58
ވޮޝިންޓަން (އޮކްޓޯބަރު 3): އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ 78 އަހަރުގެ ބާނީ ސޭންޑާސް، ކުއްލި ސާޖަރީއަކަށް ފަހު ކެމްޕެއިން ހަރަކާތްތައް ކެންސަލް ކުރައްވައިފި އެވެ.
ސޭންޑާސްގެ އެޑްވައިޒަރު ޖެފް ވީވާ ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ސޭންޑާސް ހޮސްޕިޓަލަށް ގެންދިޔައީ މެޔަށް ތަދެއް އަރައިގެންނެވެ. އަދި ޓެސްޓުން ދެއްކި ގޮތުގައި ލޭ ނާރެއް ބަންދުވެފައި ހުރީ ކަމަށާއި އޭގެ ސަބަބުން ލޭ ނާރު ތެރެއަށް ދެ ސްޓެންޓް ނުވަތަ ހޮޅިކޮޅު ލައްވާފައިވާ ކަމަށް ވީވާ ވިދާޅުވި އެވެ.
އަދި ސޭންޑާސްގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އަރާމު ކުރުމަށް ދުވަސްކޮޅެއް ބޭނުންވާތީ ކުރިއަށް އޮތް ކެމްޕެއިން ހަރަކާތްތައް ކެންސަލް ކުރަން ނިންމާފައިވާ ކަމަށްވެސް ވީވާ ވިދާޅުވި އެވެ.
މީގެ އިތުރުން ސޭންޑާސްވެސް ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ޓުވީޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ސިއްހީ ފަރުވާއާ ބެހޭ ސިޔާސަތު ޕްރޮމޯޓު ކުރައްވާފަ އެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ ކުއްލިއަކަށް ސިއްހީ މައްސަލައެއް ދިމާވާނެ ވަގުތެއް. އަދި އެފަދަ ކަމެއް ވުމުން ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެއްވެސް މީހަކަށް އިހުސާސުވެގެން ނުވާނެ. އެންމެންނަށްވެސް މެޑިކެޔާ ދޭން ޖެހޭ!" ސޭންޑާސްގެ ޓުވީޓުގައިވެ އެވެ.
އެމެރިކާގެ ސިއްހީ އިންޝުއަރެންސް ޕްރޮގްރާމް ކަމަށްވާ މެޑިކެޔާ ޕްރޮގްރާމް މިހާރު ހާއްސަ ކޮށްފައި އޮންނަނީ 65 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ސޭންޑާސް ގެންދަވަނީ އެޕްރޮގްރާމުގެ ހިދުމަތް ގައުމުގެ ހުރިހާ ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވަމުންނެވެ.
ވާމަންޓުގެ ސެނެޓަރު ކަމަށްވާ ސޭންޑާސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވާދަ ކުރައްވާ މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން، 76، އާއި ސެނެޓަރު އެލިޒަބެތު ވޮރެން، 70 ހިމެނެ އެވެ.