03 Oct 2019, 10:40
ސްޕެއިންގެ ފުޓްބޯޅަ ކްލަބް، ސެލްޓަ ޑެ ވީގޯއިން ކުރިއަށް އޮތް ތަނުގައި އެމީހުންގެ ކިޓްގައި "ވިޒިޓް މޯލްޑިވްސް" ލޯގޯ ބޭނުންކުރަން މަޝްވަރާކޮށްފައި ވާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ކްރޮސްރޯޑްގައި ފަށައިފައިވާ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްވަރާތައް ކުރެވި މިހާރު ސަރުކާރަށް ޕްރޮޕޯސަލް އެއް ވެސް ލިބިފައިވާ ކަމަށެވެ.
އެގޮތުން ސެލްޓަ ވީގޯގެ ޖޯޒީގެ އިތުރުން، އެ ކްލަބްގެ ދަނޑާއި، ޕްރެކްޓިސް ކިޓާއި ކުޅުންތެރިން ދަތުރުކުރާ ބަހުގައި ވެސް "ވިޒިޓް މޯލްޑިވްސް" ލޯގޯ ބޭނުންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި ބާސެލޯނާ، ރެއާލް މެޑްރިޑް މިފަދަ ދުނިޔޭގެ ބޮޑެތި ބާރުތައް އަންނަ އިރުގައި އެ އެނބުރޭ ބޯޑުތަކުގައި ވެސް ދިވެހިރާއްޖެ ފެންނަ ވަރު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންނަ ވަރަށް މަސައްކަތް ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަބަދުވެސް އިރުޝާދު ދެއްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިފަހަރު ރާއްޖެއިން ފާހަގަކޮށްފައި ވަނީ ބޮޑު އީދެއް ގޮތަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު އިއްޔެ ވަނީ "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ނަމުގައި ކުޑަކުދިންގެ ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ.
އެ މުބާރަތުން ފާހަގަކޮށްލެވުނު ދެކުދިންނަށް ވަނީ އެއް މަސް ދުވަހަށް ސެލްޓާގެ އެކެޑެމީގައި ތަމްރީނު ހެދުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އޭގެ އިތުރުން އެއް ކުއްޖަކަށް ދުބާއީގައި ހުންނަ، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ހިންގާ އެކެޑީމީގައި މަސް ދުވަހުގެ ތަމްރީނު ހެދުމަށް ވަނީ ފުރުސަތު ލިބިފައެވެ.
މިއަދުގެ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ކާމިޔާބު ކަމަށާއި، ހަރަކާތްތަކުގައި ބައިވެރިވުމަށް ޗައިނާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.