03 Oct 2019, 09:51
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރެއްގެ ދައުރު ހަމަވާތީ، އެ މަގާމަށް އައްޔަން ކުރުމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާ އެކު ހަތަރު ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
އީސީގެ މެންބަރުންގެ ތެރެއިން އަންނަ މަހުގެ 24 ވަނަ ދުވަހު ދައުރު ހަމަވަނީ އެ ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، އަމްޖަދު މުސްތަފާގެ އެވެ.
އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ ކުރީކޮޅު ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ، 10 ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ތަރުތީބު ކުރެއްވުމަށް ފަހު މަޖިލީހަށް ވަނީ ފޮނުއްވައިފަ އެވެ.
ރައީސް ފޮނުއްވި ސިޓީގައިވާ ގޮތުން އެންމެ ކުރީގައި އޮތީ، އީސީގެ ރައީސްކަމުގެ މަގާމު މީގެ ކުރިން އަދާކުރެއްވި ފުއާދު ތައުފީގުގެ ނަމެވެ. ދެވަނަ އަށް އޮތީ ދައުރު ހަމަވާ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް، އަމުޖަދުގެ ނަމެވެ. މީގެ އިތުރުން އީސީގެ ލޯޔަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރެއްވި، ހަނީފާ ހާލިދުގެ ނަން ވެސް ރައީސް ރެކޮމެންޑް ކުރެއްވި ނަންތަކުގެ ތެރޭގައިވެ އެވެ.
އީސީގެ މެންބަރުކަމަށް ރައީސް ފޮނުއްވި ނަންތައް:
1. ފުއާދު ތައުފީގު، މޗ. ތަޅަމުދުގެ
2. އަމުޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ
3. ހަސަން ނާޒިމް، ހ. ގާޑެނިޔާ
4. ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
މީގެ އިތުރުން ވެސް އިތުރު ހަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި ކަމަށް ރައީސްގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ އެ ސިޓީއާ އެކު މަޖިލީހުގެ ސަމާލުކަމަށް ފޮނުއްވައިފަ އެވެ.
އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އީސީގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެންމެ މެންބަރެއްގެ ކަމަށް ވާތީ، އެބޭފުޅުންނާ އިންޓަވިއުކޮށް އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއް ނަގާނީ މާކްސް ދީގެން، އެންމެ މަތިން މާކްސް ލިބޭ ފަރާތުގެ އެވެ.