ކުދި އަދި މެދު ފަންތީ ވިޔަފާރިތަކަށް ދޫކުރާ ދެ މިލިއަން ޑޮލަރު (30،840،000 ދިވެހި ރުފިޔާ) ލޯން ސްކީމް އިއުލާން ކޮށްފި އެވެ.
މިއީ އިކޮނިމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީންގެ ވިޔަފާރިތަކަށް ލޯން ދޫރުމަށް މި އަހަރު އިއުލާން ކުރި ދެވަނަ ސްކީމެވެ. ލޯނަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

މިނިސްޓްރީން ބުނީ ދެ ވަނަބުރުގެ ލޯން ފަންޑުގެ 25 ޕަސެންޓް ދޫކާނީ 50،000ރ. އާއި އެއަށް ވުރެ ދަށް އަދަދުގެ ލޯންތަކަށް ކަމަށާއި އަނެއް 75 ޕަސެންޓް އަމާޒު ކޮށްފައި ވަނީ 50،001ރ. ފެށިގެން 320،000 އާއި ދެމެދުގެ ލޯނުތަކަށް ކަމަށެވެ.

ފުރަތަމަ ލޯން ސްކީމުގައި ވެސް ކަނޑައަޅާފައިވަ ގޮތަށް މިފަހަރުގެ ލޯނު ސްކީމުގައި ވެސް 40 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންނަށާއި ބޮޑު ބައެއް އަންހެނުން ހިއްސާ ކުރާ ކުންފުނިތަކާއި ކޯޕަރޭޓިވްތަކަށެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލޯނަށް އިންޓްރެސްޓްގެ ގޮތުގައި 6.83 ޕަސެންޓް ދައްކަން ޖެހެ އެވެ. އެއް އަހަރުގެ ގްރޮސް ޕީރިއަޑަކާ އެކު އަށް އަހަރު ތެރޭގައި ދައްކަން ޖެހޭ ލޯނުތަކުގެ މައިކްރޯ ލޯން ނުވަތަ އެއްމެ ކުދި ލޯންތަކުގެ ގޮތުގައި ދޫކުރާ 50،000ރ. އަށް ވުރެ ދަށުގެ ލޯނުތަކަށް ކޮލެޓަރަލް ނުވަތަ ސެކިއެރިޓީއެއްގެ ގޮތުގައި އެއްޗެއް ބަހައްޓަން ނުޖެހުނު ނަމަވެސް މެދު ފަންތީގެ ލޯނުތަކުގެ ގޮތުގައި ދޫކުރާ 50،001ރ. އަށް ވުރެ މަތީ އަދަދުތަކުގެ ލޯނުތަކަށް 100 ޕަސެންޓް ކޮލެޓަރަލް ބަހައްޓަން ޖެހެ އެވެ.