ދައުރު ނިމެންވާ އިރަށް ރަށު ފަތުރުވެރިކަން މިހާރަށް ވުރެ ފުޅާކޮށް، ޓޫރިޒަމްގެ ދާއިރާއަށް މަދުވެގެން 35،000 އެނދު އިތުރު ކުރަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

ރައީސް ސޯލިހުގެ ދައުރުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ފުއްދާނެ ވައުދުތަކުގެ މައުލޫމާތު ހިމެނޭ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް މިރޭ ވަނީ އިފްތިތާހުކޮށްފައެވެ. އެ ޕްލޭނުގައި ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ޓޫރިޒަމްގެ ދާއިރާއިން ސަރުކާރުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާމަކޮށްފަ އެވެ.

ޕްލޭނުގައިވާ ގޮތުން ސަރުކާރުން ނިންމާފައި ވަނީ ޓޫރިޒަމްގެ ދާއިއާއަށް ބައެއް އާ ކަންތައްތައް ތައާރަފުކޮށް އެކަންތައްތައް ފުޅާ ކުރުމަަށެވެ. އެގޮތުން، މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ހިފެހެއްޓުމާއެކު، ރާއްޖެއަށް އާ މާކެޓުތައް ތައާރަފުކޮށް، ކޮންފަރެންސާއި ކުޅިވަރު އަދި އެޑްވެންޗާ ފަތުރުވެރިކަން ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ޕްލޭނުގައިވެ އެވެ.

ސިނާއަތަށް އެނދާއި މީހުން އިތުރު ކުރުމަށްވެސް ޕްލޭނުގައި ވަނީ އަމާޒު ހިފައިފަ އެވެ. އަދި އެ ދާއިރާއިން އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ޕްލޭނުގައިވެ އެވެ.

ޓޫރިޒަމްގެ ދާއިރާގެ އަމާޒުތައް:

  • 35،000 އެނދު ޓޫރިޒަމްގެ ސިނާއަތަށް އިތުރު ކުރުން

  • ރަޝިއާ، އިންޑިއާ، މެދުއިރުމަތި، ޗައިނާ އަދި އެހެނިހެން ހާއްސަ މާކެޓުތަކުން އަންނަ މީހުންގެ އަދަދު 2018 ވަނަ އަހަރާ އަޅާ ބަލާ އިރު 20 ޕަސެންޓު އިތުރު ކުރުން
  • ޓޫރިޒަމް ޓްރެއިނިން ފަންޑުން މަދުވެގެން 30،000 މީހުންނަށް މަންފާކޮށްފައިވުން
  • ގެސްޓްހައުސްގެ ވިޔަފާރި ކުރާ ރަށްތަކުގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި ރަށްރަށަށް ހާއްސަ ވެބްސައިޓު ގާއިމް ކުރުން

ދިވެހި މުޖުތަމައުއަށް ޓޫރިޒަމްއިން ލިބޭ މަންފާ އިތުރު ކުރުމަށް، އެ ހިދުމަތް ދޭ ފަރާތްތަކާއި ރަށްރަށުގެ މުޖުތަމައުތަކާ ގުޅުން ބަދަހި ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ޕެލޭނުގައިވެ އެވެ. އަދި ދިވެހީންގެ އުފެއްދުންތައް ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުގައި އިތުރަށް ވިއްކައި މާކެޓު ކުރެވޭނެ ގޮތްތައް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ޕްލޭނުގައިވެއެވެ.

ޕްލޭނުގައިވާ ގޮތުން ޓޫރިޒަމް ކުރިއެރުވުމަށް މިހާރު އެންމެ މުހިންމު އެއް ކަމަކީ މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމެވެ.