02 Oct 2019, 23:33
ދައުރު ނިމެންވާ އިރަށް 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން އަމާޒު ހިފައިިފި އެވެ.
ރައީސް ސޯލިހުގެ ދައުރުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ފުއްދާނެ ވައުދުތަކުގެ މައުލޫމާތު ހިމެނޭ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް މިރޭ ވަނީ އިފްތިތާހުކޮށްފައެވެ.
އެ ޕްލޭނުގައި ބުނެފައި ވަނީ އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖުތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ އަސްލު ކަމަށެވެ.
ޕްލޭނުގައި ލަފާކޮށްފައި ވަނީ 2028 ވަނަ އަހަރުވާ އިރު ރާއްޖޭގެ އާބާދީ ބިދޭސީންނާ ލައިގެން 650،000އަށް އަރާނެ ކަމަށެވެ. އެހެންކަމަށްވާ ނަމަ އިތުރު 20،000 ގެ ބޭނުންވާނެ ކަމަށް ޕްލޭނުގައި ލަފާކޮށްފައިވެއެވެ.
އެ ޕްލޭނުގައިވާ ގޮތުން ސަރުކާރުން މަސައްކަތް ކުރާނީ 2023 ވަނަ އަހަރު އަންނަންވާއިރަށް 20،000 އާއިލާއަށް ހައުސިން ޔުނިޓު އަޅައިދިނުމަށެވެ. އަދި އެ އަަހަރު އަންނަންވާއިރަށް ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯނުގެ ދަށުން މަދުވެގެން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށެވެ. އަދި، 2021 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ރަށްރަށުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ސުނާމީގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިންމަން ވަނީ އަމާޒު ހިފާފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ގެދޮރު އިމާރާތްކުރުން އިތުރުކޮށްގެން ގެދޮރު ހޯދުމަށް މަގުފަހި ކޮށްދިނުމާއި، ގާނޫނުތައް އިސްލާހު ކުރުމާއި، ސޯޝަލް ހައުސިންގެ ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވާކަން ޕްލޭނުގައިވެ އެވެ.
އޭގެއިތުރުން، ގެދޮރާއި މާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި، ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ހައްލުތަކުންނާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ހައްލު ގެންނަން ޕްލޭނުގައި ވަނީ އަމާޒު ހިފައިފައެވެ.
ރައީސް ސޯލިހު ވަނީ މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި 4200 ފްލެޓު އަދި އަތޮޅު ތެރޭގައި 5000 ފްލެޓު އަޅަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ފްލެޓުތަކުގެ ކުލި ކުޑަވާނެ އެވެ.