ދިމިޝްޤު (އޮކްޓޯބަރ 15) : ލީބިޔާގެ ސިނާރިޔޯ ސޫރިޔާގައި ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވިދާޅުވެއްޖެވެ. ދިމިޝްޤުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މުޢައްލިމް ވިދާޅުވީ ސޫރިޔާއަކީ ލީބިޔާ ނޫން ކަމަށާއި ލީބިޔާގެ ވެރިކަން ނިމިގެންދިޔަ ލޭ އޮހޮރުވުންބޮޑު ގޮތަށް ސޫރިޔާގެ ވެރިކަން ނިމިގެން ދިޔުމުގެ ބިރު ނެތްކަމުގައެވެ.

މުޢައްލިމް ވިދާޅުވީ ބޭރުގެ އެއްވެސް ބާރަކަށް ސޫރިޔާއަށް ވަންނަން ނުކެރޭނެ ކަމަށާއި ބޭރުގެ ބާރުތަކުގެ ނުރައްކަލުންނާއި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ސޫރިޔާ ޙިމާޔަތް ކޮށްދިނުމުގައި ސަލާމަތީ މަޖިލީހުގައި ރަޝިޔާއާއި ޗައިނާ ޙަރަކާތްތެރިވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައެވެ. ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއާއި ޔޫރަޕް ގުޅިގެން މީގެ ހަފްތާތަކެއްކުރިން ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ޤަރާރެއް ރަޝިޔާއާއި ޗައިނާވަނީ ވީޓޯ ކޮށްފައެވެ. ނަމަވެސް ސޫރިޔާގެ ވެރިކަން ވައްޓާލުމަށް ތެދުވާ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ޑަޒަން ޑަޒަނަށް މީހުން މަރަމުންގެންދާ މައްސަލާގައި އަރަބި ޤައުމުތަކުގެ ފިއްތުންތަކާއި އަދި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ފިއްތުންތައް ސޫރިޔާއަށްވަނީ އަމާޒުވެފައެވެ.

ޢަރަބި ލީގުންވަނީ މިމައްސަލާގައި ސޫރިޔާ ކުށްވެރިކޮށް ޢަރަބި ލީގުގެ މެންބަރުކަމުން ވަގުތީ ގޮތުން ސޫރިޔާ އެއްފަރާތްކޮށްފައެވެ. މިކަމުގެ ސަބަބުން ޢަރަބި ދުނިޔޭގައިވެސް ސޫރިޔާވަނީ އެކަހެރިވެފައެވެ. އަދި ތުރުކީފަދަ ސޫރިޔާއާ ގާތްގުޅުންތައް ކުރިން ބާއްވަމުން ގެންދިޔަ ޤައުމުތަކުން ގެންދަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއެކު ރަސްމީ ސިފައެއްގައި ބައްދަލުވުންތައް ބާއްވަމުންނެވެ.

ސޫރިޔާގެ ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި 3700 މީހުންވަނީ މަރުވެފައެވެ. --އަލްޖަޒީރާ