02 Oct 2019, 23:04
ސަރުކާރުން ކުރަން ވައުދުވެފައިވާ މަސައްކަތްތައް ފެންނަ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައިވާ ކަންކަން ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އެސްއޭޕީ އިފްތިތާހު ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ، އެސްއޭޕީގައިވާ ކަންކަން ތަންފީޒުކޮށް ނިމޭ އިރު ސަރުކާރުގެ ހުރިހާ ވައުދުތައް ހުންނާނީ ފުއްދިފައި ކަމަށެވެ.
"ކަން ކުރަންވީ ގޮތް މި އޮތީ ތަރުތީބު ކުރެވި ލިޔެވިފައި. އެ ކަންތައްތައް އޭގައި އޮތް ގޮތަށް ކުރުން އަޅުގަނޑުމެންގެ ޒިންމާއަކަށްވާންވީ. އޭގައި އޮންނާނެ ކުރަންވީ ކަންތަައްތަކާއި، ތާރީހާއި، ފައިސާ ހޯދާނެ ގޮތާއި، އެކަން ނިންމަންވީ ތާރީހު. ފާހަގަ ޖައްސަވަމުން ތިބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ. އެއްވެސް މައްސަލައެއް ނޯންނާނެ، އޭރުން ފަސް އަހަރު ވާއިރުގައި އަޅުގަނޑުމެންގެ ވައުދުތައް އޮންނާނީ ފުދިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެސްއޭޕީގެ ސަބަބުން ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރަން ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތެއް ނުކުރާނަމަ އެކަން ފާހަގަކޮށް އެކަމާ ބެހޭގޮތުން ސުވާލު އުފައްދަން ފަސޭހަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގަ ހުރި ކަންތައްތައް، މީގަ ހުރި ގޮތަށް ކުރޭތޯ ބެލުމަށް ވަރަށް ފަސޭހަވަގެންދާނެ. ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް، ކޮންމެ ފަރުދަކަށް، ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ. ކީއްވެގެންތޯ މި މަސައްކަތް ނުނިމި އިތީ. ކީއްވެގެންތޯ މިކަން ފަސްޖެހިފައި އޮތީ،"
އެސްއޭޕީގައިވާ ކަންކަން ސަރުކާރަށް އެކަނި ތަންފީޒު ނުކުރެވޭނެ ކަމަށާއި، ޝަރުއީ ދާއިރާއާއި މަޖިލީހުގެ ތެރެއިން ތަންފީޒު ކުރަން ޖެހޭ ކަންކަން އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިކަންތައްތައް ކޮށްދިނުމުގައި ތަންފީޒު ކުރުމުގައި ހަމައެކަނި މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ސަރުކާރަށް ނޫން. މީގައި އެބަ ހުރި ޝަރުއީ ދާއިރާއިން ކުރަން ޖެހޭ ކަންތައްތައް. މީގައި އެބަ ހުރި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން. އެހެންކަމުން މިރޭ އަޅުގަނޑު އަނެއްކާވެސް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށްވެސް ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނަށްވެސް އަޅުގަނޑުމެން އެންމެން އެކުގައި، މިވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައިނުގަނެ އަޅުގަނޑުމެންނާ އެކީގައި ކުރިއަށްވަޑައިގަންނަވާށޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެސްއޭޕީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ރިޔާސީ އިންތިހާބުގައި ރަައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ނެރުނު އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން އައި މަސައްކަތްތައްވެސް ޕްލޭނުގައި ހިމަނާފައިވެއެވެ.
އެސްއޭޕީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ދައުލަތުގެ މު އައްސަސާތަކުގެ ހުށަހެޅުންތައް ހިމަނައިގެންނެވެ. އަދި އެކި އެކި މަދަނީ ޖަމިއްޔާތަކުގެ ހުށަހެޅުންތައްވެސް އެ ޕްލޭނުގައި ހިމަނާފައިވެއެވެ. އެކި އެކި ދާއިރާތަކުގެ މާސްޓާ ޕްލޭންތަކާއި، ގާނޫނުތަކާއި، ކަމާ ގުޅުންހުރި ދިރާސާތަކުން ފާހަގަކޮށްލެވޭ ކަންކަންވެސް ޕްލޭނުގައި ހިމަނާފައިވެއެވެ. އެސްއޭޕީ ވިލަރެސްކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރީ ޕްލޭނިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީސް ގުޅިގެންނެވެ.
ސަރުކާރުން ކޮން އިރަކު ކުރާނީ ކޮން މަސައްކަތެއްކަން އެސްއޭޕީއިން އެނގިގެންދާނެއެވެ. އެސްއޭޕީގެ ނަތީޖާ ހާސިލު ކުރެވޭ މިންވަރު ބަލަން ކޮންމެ އަހަރަކު ރިޕޯޓެއްވެސް ނެރެވޭނެ އެވެ.