02 Oct 2019, 22:32
ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ސަރަހައްދީ ފެންވަރުގައި ލަފާދިނުމަށް ފަންނީ ތަޖުރިބާކާރެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރާއްޖޭގެ ތަޖުރިބާކާރެއް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަމަޖައްސައިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދެވެ.
ހަސަން "ސަން" އަށް މިރޭ ވިދާޅުވީ އޭނަ އެ މަގާމަށް އައްޔަނުކުރެއްވީ ދެ އަހަރު ދުވަހަށް ކަމަށެވެ. އަދި އެ މަގާމުގެ ދަށުން ގައިން ގަޔަށް އަރާ ބަލިތަކާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރަށާއި އޮފީހަށް ފަންނީ ލަފާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަސަން ދަނީ 2000 ވަނަ އަހަރުން ފެށިގެން، ދުންފަތް ކޮންޓްރޯލް ކުރުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، ގައުމީ އަދި ބައިންލައަގުވާމީ ފެންވަރުގައި ތަފާތު ހައިސިއްޔަތުތަކުން އިސް ސަފުގައި މަސައްކަތް ކުރައްވަމުންނެވެ.
ހާއްސަ ގޮތެއްގައި، 2004ގައި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ރާއްޖެ އިން ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގައާއި މުއާހަދާގެ ދަށުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ތަފާތު ފަންނީ މަސައްކަތްތަކާއި ރާއްޖޭގައި 2010 އިން ފެށިގެން ތަންފީޒު ކުރެވޭ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރުމާ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ލަފާ ދިނުމުގައި ހަސަން ފާހަގަކޮށްލެވެ އެވެ.