މާލެ އިން ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް މާލޭ ދެކުނު ފަރާތުން ހިއްކާފައިވާ އިންޑަސްޓްރިއަލް ޒޯނުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތެޔޮ ބައުޒަރުތައް މާލެ ތެރޭގައި ދުއްވުމާއި އަދި މިހާރު ކުރިއަށްގެންދާގޮތަށް އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އަދި ޓީޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތަކުން އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދެނީ ގަވާއިދާ ޚިލާފަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ކަނޑު އުޅަނދުތަކަށް ދާއިމީ ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިލަފުށި ނުވަތަ އަލަށް ތަރައްގީ ކުރެވޭ ގުޅީފަޅު ސަރަހައްދުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އަމަލުކުރުން ލާޒިމްވާ ކަންތައްތަކެއް ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާ އެކު ޕްލޭނިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އުޅަނދުފަހަރަށް ތެޔޮ އެޅުމުގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަނދަރު ތޮއްޓާ ކައިރިން ތެލުގެ ޚިދުމަތް ދިނުން ހިމެނެއެވެ. އަދި ޚިދުމަތް ދިނުމަށްފަހު ޕާކްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް އެނބުރި ތެޔޮ ބައުޒަރު ގެންދިޔުން ވަނީ ލާޒިމް ކޮށްފައެވެ.

ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ނިވާ ނިޒާމް ގާއިމް ކުރުމަކީ ވެސް ލާޒިމް ކޮށްފައިވާ ކަމެކެވެ.

ތެޔޮ ބައުޒަރުތައް ބެހެއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް މޮނިޓާ ކުރުމުގެ ކަންތައް އެމްއެންޑީއެފް އިން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެ ސަރަހައްދުގައި ޚިދުމަތް ދިނުމުގެ ކަންތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށްގެންދާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މިހާރު މާލެއަށް އެތެރެކޮށް ބޭނުންކުރަމުންދާ ތެޔޮ ބައުޒަރުތަކަކީ އެމްއެންޑީއެފްގެ ގައިޑްލައިނާ އެއްގޮތަށް ހުރި ބައުޒަރުތައްތޯ ބެލުމަށްފަހު އެމިންގަނޑަށް ނުފެތޭ ބައުޒަރުގެ ހުއްދަތައް ބާތިލް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެ މިނިސްޓްރީގެ ދަފްތަރުގައި ތެޔޮ ބައުޒަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ބައުޒަރުތަކުގެ އިތުރުން އަލަށް ބައުޒަރު ރަޖިސްޓްރީކޮށް ނުދިނުމަށް ވެސް ވަނީ ނިންމާފައެވެ.