ހޮނުލުލޫ (ނޮވެމްބަރ 14) : މިނިވަން ވިޔަފާރިއަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަކީ ދުނިޔޭގެ އިޤްތިސާދަށް އާރޯކަމާއި ތާޒާކަން ގެނަސްދޭނެ ކަމެއް ކަމަށް އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ އިޤްތިސާދީ އެއްބާރުލުމާބެހޭ ފޯރަމް (އޭޕެކް) ޤައުމުތަކުގެ އިސްވެރިން ވިދާޅުވެއްޖެވެ.

އެމެރިކާގެ ހަވާއިގެ ވެރިރަށް ހޮނުލުލޫގައި މިއަދު ނިމުނު އޭޕެކް ގެ އިސްވެރިންގެ ސަމިޓުން ބުނީ އެޖަމާއަތުގެ ޤައުމުތަކުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުޢާމަލާތަކަށް އެޅޭ ހުރަސްތައް އެޤައުމުތައް ގުޅިގެން ނައްތާލާނެކަމުގައެވެ. 21 ޤައުމު ހިމެނޭ އޭޕެކްގެ އިސްވެރިންގެ ސަމިޓް ނިންމާލަމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ޔޫރަޕްގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ ނޭދެވޭ އަސަރުތަކުން އޭޕެކްގެ ޤައުމުތައް ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން އެޅުމަށް މެންބަރު ޤައުމުތަކުން އެއްބަސްވެފައިވެއެވެ.

ހޮނުލުލޫގައި މިއަދު ނިމިގެންދިޔަ އޭޕެކްގެ ސަމިޓްގައި ޗައިނާގެ އިޤްތިސާދީ ސުލޫކު ހުންނަ ގޮތަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފާޑުވިދާޅުވެ ޝަކުވާ ކުރައްވާފައިވެއެވެ. އަދި އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ޗައިނާގެ ނުފޫޒު ބޮޑުވަމުންދާކަމަށްބުނެ އެމެރިކާ ޝަކުވާ ކޮށްފައިވާއިރު އެޖަމާއަތުގެ މެންބަރެއް ކަމަށްވާ ޗައިނާވަނީ އެމެރިކާގެ ޢަމަލުތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ ޝަކުވާތައް ބިނާކޮށްފައިވަނީ ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ ތިލަފަތް ޗައިނާކޮޅަށް ބުރަވަމުންދާ މައްސަލާގައި ކަމަށް މުރާސިލުން ބުނެއެވެ. އަދި ޗައިނާގެ ފައިސާ "ޔުވާން"ގެ އަގު އުފުލުމަށް ޗައިނާ ފަސްޖެހޭ މައްސަލާގައި އެމެރިކާގެ ކެތްތެރިކަންކޮޅުންލައިފި ކަމަށް ވިދާޅުވެ ރައީސް ބަރަލް އޮބާމާ ހޮނުލުލޫގެ ސަމިޓްގައި ވާހަކަ ދައްކަވާފައިވެއެވެ. -- ބީބީސީ