އދ. މަޖިލިސް (އޮކްޓޯބަރ 2) : ސައޫދީ ރަސްކަމުގެ ނިޒާމަށް ފާޑުކިޔަމުންދިޔަ އެގައުމުގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލިތާ އެއް އަހަރު ފުރިފައިވާއިރު އެކަމުގެ ފަހަތުގައި ހުންނެވި ކަމަށް ތުހުމަތުކުރެވޭ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މަސައްކަތް ކުރައްވަނީ އެކަމުން ރެކިވަޑައިގަތުމަށްކަމަށް އދ.ގެ މުހައްގިގެއްކަމަށްވާ އަގްނެސް ކަލަމާޑް ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ކަލަމާޑް ވިދާޅުވީ ޚާޝުގްޖީގެ މަރުގެ ސަބަބުން މުހައްމަދު ބިން ސަލްމާންގެ ނަމާއި އަބުރު ބައިނަލްއަގްވާމީ ދުނިޔޭގައި ގެއްލި އޭނާގެ ސިޔާސީ ހަޔާތަށް އެކަމުގެ ހިޔަނި އެޅިފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން މުހައްމަދު ބިން ސަލްމާނަށް ލިބުނު ގެއްލުންތަކުންނާއި ދުނިޔޭގެ އާންމުންގެ ހިތްތަކުގައި އޭނާއާ މެދު އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތުން ސަލާމަތް ވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ކަލަމާޑް ވިދާޅުވި އެވެ.

ގާނޫނުން ބޭރުގައި ދުނިޔޭގައި ހިންގާ މަރުތަކާބެހޭ އދ.ގެ ޚާއްސަ މުގައްރިރު ނުވަތަ "ޔޫ.އެން ސްޕެޝަލް ރެޕަޓުއާ އޮން އެކްސްޓްރާ ޖުޑިޝިއަލް އެގްޒެކިއުޝަންސް" އަގްނެސް ކަލަމާޑް އަކީ ޚާޝުގްޖީގެ މަރުގެ މައްސަލަ ތަހްގީގް ކުރި އދ.ގެ ޓީމުގެ ވެރިއާ އެވެ. އެ ޓީމުން ހިންގި ޚާޝުގްޖީގެ މަރުގެ ތަހްގީގަށް އެއްބާރުލުން ދިނުމަށް ސައޫދީ ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ އަވަހާރަކޮށްލިތާ މިއަދު އެއްއަހަރު ފުރިފައިވާ އިރު އެއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަމަށްވާތީ އެކަން ބަލައި ތަހްގީގްކޮށް މުހައްމަދު ބިން ސަލްމާން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރުކޮށްދިނުމަށް އެދި އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ އެތައް ޖަމްއިއްޔާތަކެއް ގުޅިގެން ބައިނަލްއްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް މިއަދުވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ޚާޝުގްޖީގެ މަރަށް ސައޫދީ ސަރުކާރުން ފުރަތަމަ އިންކާރުކުރި ނަމަވެސް ތުރުކީއާ އަދި ބައިނަލްއަގްވާމީ ފިއްތުންތަކާ ގުޅިގެން ސައޫދީ ސަރުކާރުންވަނީ އޭނާ މަރާލާފައި ވަނީ ސައޫދީ މަސްއޫލުވެރިންގެ ބަޔަކު ދުރާލާ ރާވައިގެން އެކަމަށް ބޭނުންވާ ސާމާނާއެކު ޖެޓެއްގައި އިސްތަންބޫލްއަށްގޮސް ގެންކަމަށް އެއްބަސްވެފަ އެވެ. އަދި އެޖަރީމާ ހިންގާފައިވަނީ މީހުން މެރުމުގެ ތަޖްރިބާލިބިފައިވާ ސައޫދީ ތަޖުރިބާކާރުންގެ 'ޑެތް ސްކޮޑް' އަކުން ކަމަށް ވެސް ސައޫދީ ސަރުކާރުން އިއުތިރާފުވެ އެމީހުންގެ މައްޗަށް ވަނީ ސައޫދީ ކޯޓުތަކުގައި ޝަރީއަތް ހިންގަން ފަށައިފަ އެވެ.

ސައޫދީގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ނުފޫޒު ގަދަ މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް ބައިނަލްއްއަގުވާމީ ޖިނާއީ ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ގަސްތުގައި މީހުން މެރުމާއި ލާއިންސާނީ އަނިޔާކުރުމާއި ކުރުމާއި ބިރުދެއްކުމާއި ގާނޫނުން ބޭރުގައި މީހުން ހައްޔަރުކުރުމާއި އަނދިރިގޮތަށް ގޮތަށް ޝަރިއަތް ހިންގައި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުން ފަދަ ބޮޑެތި ޖަރީމާތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ކޮށްފައިވެ އެވެ. އަދި މިފަދަ ޖަރީމާތަކުގެ ޝިކާރައަކަށް ވަނީ ސައޫދީގައި މުހައްމަދު ބިން ސަލްމާން ގެންގުޅެއްވާ ޚުދުމުޚްތާރު ސިޔާސަތުތަކާ ދެކޮޅު މީހުންކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޚާޝުގްޖީ އަވަހާރަކޮށްލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ދިރިހުއްޓައި އޭނާގެ ހަށިގަނޑު ބުރިކޮށް ވަނީ ކަރަންޓް ކީހާއި އެނޫން ވެސް އާލާތްތައް ބޭނުންކޮށްގެން ކަމަށާ އެކަންކޮށްފައި ވަނީ މުހައްމަދު ބިން ސަލްމާނުގެ އޯޑަރަށްކަން ތުރުކީގެ ތަހްގީގްތަކާއި އެމެރިކާގެ ތަހްގީގްތަކާ އަދި އދ. ގެ ތަހްގީގްތަކުން ހާމަވެފައިވީ ނަމަވެސް ސައޫދީ ސަރުކާރުން އަދި ވެސް ގެންދަނީ މިކަމަށް އިންކާރު ކުރަމުންނެވެ.

ސައޫދީ ސަރުކާރުން ބުނަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި އެޖަރީމާ ހިންގީ ސައޫދީ ދަށު ލެވެލްގެ މަސްއޫލުވެރިންގެ އިސްނެގުމެއްގެ ތެރެއިން ކަމުގަ އެވެ. ނަމަވެސް ދަށުލެވެލްގެ މަސްއޫލުވެރިން މިފަދަ ކަމެއްކުރަންވީ ކޮންސަބަބަކާ ގުޅިގެންކަން ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ޚާޝުގްޖީގެ މަރަށް އެއްއަހަރު ފުރުނުއިރު ވެސް އޭނާގެ ހަށިގަނޑު އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އެސިޑަށްލައި ހަށިގަނޑު ވިރުވާލުމަށް ފަހު އެސިޑްތައް ނައްތާލިކަމަށް ތަހްގީގް ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދާދިފަހުން އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވާކުން ގެނަސްދޭ ޕްރޮގްރާމެއްކަމަށްވާ "60 މިނިޓް"ގައި ވާހަކަ ދައްކަވަމުން މުހައްމަދު ބިން ސަލްމާން ވަނީ ޚާޝުގްޖީގެ މަރުގެ ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޚާޝުގްޖީ އަވަހާރަކޮށްލީ އޭނާގެ އޯޑަރަށް ނޫންކަމަށް ވިދާޅުވެ، މުހައްމަދު ބިން ސަލްމާންވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. މިގޮތުން ޚާޝުގްޖީގެ މަރުގެ ޒިންމާ އުފުއްލަވާކަމަށް ވިދާޅުވީ، ސައޫދީ ސަރުކާރާ އަދި ދައުލަތުގައި ދެވަނައަށް އެންމެ އިސްލީޑަރުގެ ގޮތުގައި ގައުމުގެ ކަންކަން ބެލެހެއްޓެވުމަށް ހުންނެވި އޭނާކަމަށްވާތީ އެ ހައިސިއްޔަތުން ކަމަށް މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވެ އެވެ. (ރޮއިޓާސް)