އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް، ހައްޔަރުކޮށްގެން އިމިގްރޭޝަންގެ ބަންދުގައި ބަހައްޓާފައިވާ ޔާސިރު ޔަހްޔާ ސޯލިހުއަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެއް ކަމަށާއި އޭނާ ދޫވެފައި ހުންނަ ނަމަ ދިވެހި މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަ ޔާސިރު ހައްޔަރުކޮށް، އެފަހުން ދޫކޮށްނުލައި، އޭނާގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅު ކުރެއެވެ. ވަރަށް ފަހުން އޭނާ ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ. އެކަމާ ގުޅިގެން ޔާސިރު ދޫކޮށްލުމަށްވެސް ބައެއް އާންމުންވެސް ވަނީ ގޮވާލާފައެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޔާސިރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހާމަކުރައްވައިފައެެވެ. މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި ޔާސިރަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެކެވެ. އަދި އޭނާގެ ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރައިގެން ދިޔުމަށް ވަނީ އަންގައިފައެވެ.

"ޔާސިރު ޔަހުޔާގެ މައްސަލައަކީ ދުނިޔޭގެ އޯޕަން މީޑިއާގައިވެސް އޭނާގެ ޓެރަރިޒަމްއާ ގުޅުންހުރި ގިނަ ހަރަކާތްތައްކެއްގެ ބެކްގްރައުންޑެއް އޮތްކަން ދުނިޔޭގެ މީޑިއާއިންވެސް ސާފުކޮށް ފެންނަން އޮތް، އަދި އެ ދުވަސްވަރުގެ ހާލަތު ހުރި ގޮތުން އެކަމުގެ ގިނަ މައުލޫމާތު ފުލުހުންނަށް ލިބިފައިވުމުގެ ނަތީޖާގެ ގޮތުން ފުލުހުން އިމިގްރޭޝަން ކޮންޓްރޯލާއަށް އެ މައުލޫމާތު ހިއްސާކުރުމުން ކޮންޓްރޯލާއަށް ލިބިގެންވާ ބާރުގެ ދަށުން އޭނާގެ ވިސާ ބާތިލުކުރުމަށް ފަހު ފުރައިގެން ދިޔުމަށް އަމުރު ކުރެވި، އެ އަމުރަށް ކިޔަމަންތެރި ނުވުމުން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބެލެހެއްޓިފައި[ވާ މީހެއް]،" އިމްރާން ވިދާޅުވިއެވެ.

ޔާސިރު ޔަހުޔާ ސޯލިހު: ފުލުހުން ބުނެފައި ވަނީ އޭނާ އަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެއް ކަމަށް --

ޔާސިރު އަދިވެސް ރާއްޖޭގައި ބަންދުކޮށްފައި ހުރީ އޭނާ ފުރައިގެން ދާން ބޭނުން ނުވާތީކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާއަށް ރާއްޖެއިން ފުރައިގެން ދިއުމަށް އަންގަމުން ދިޔަ ނަމަވެސް، އަމިއްލައަށް ޕާސްޕޯޓު ފޮރުވައި، ފުރުމަށް ދެކޮޅު ހަދަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު، އޭނާ ފުރަން އެއްބަސްވެއްޖެ ނަމަ އޭނާއަށް ފުރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ

"އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިފައިވާ ބާރުގެ ދަށުން މިއަދުވެސް އޭނަ ފުރަން އެއްބަސްވެއްޖެ ނަމަ އޭނާ ފުރަން ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ،" އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޔާސިރުގެ އެއްވެސް އިންސާނީ ހައްގަކަށް އުނިކަމެއް ވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް އިމްރާން މިއަދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، ޔާސިރަކީ ޔަމަނާއި، އޯމާނާއި، ޕާކިސްތާނާއި މެލޭޝިއާގައިވެސް ޓެރަރިސްޓު ހަރަކާތްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ހައްދުފަނައަޅާފައިވާ ފަރާތްތަކާވެސް އޭނާއާ ގުޅުން އޮންނަ ކަމަށް ވިދާޅުވިއެވެ.

އޮކްޓޯބަރ 2، 2019: ފުލުހުންނާއި ހޯމް މިނިސްޓާރ ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

"ޔަމަނުގައި، އޯމާންގައި، ޕާކިސްތާނުގައި އަދި މެލޭޝިއާގައި މި ފަރާތް ވަނީ ޓެރަރިސްޓު ހަރަކާތްތަކާ ގުޅިގެން ހައްޔަރު ކުރެވި އަދި ޖަލުގައިވެސް ވަރަށް ގިނަ ވަގުތު ހޭދަކޮށްފައި. ރާއްޖޭގައިވެސް މި އަދާ ކުރަމުން ދިޔަ ވަޒީފާ އަދާ ކުރަމުން ދިޔުމުގެ ތެރޭގައިވެސް ރާއްޖޭގައިވެސް އަޅުގަނޑުމެންގެ މި ދިވެހި މާހައުލުގައި މި ހިމެނޭ ޓެރަރިޒަމަށް ވާގިވެރިވާ ޓެރަރިސްޓު ހަރަކާތްތަކުގައި ބައިވެރިވާ، އަޅުގަނޑުމެން އެ ފަރާތްތައް ދަންނަ ފަރާތްތަކާވެސް ގުޅުންތަކެއް ބާއްވަމުން ދިޔަކަން ފުލުހުންގެ މުއައްސަސާއަށް އެނގޭ. އަދި ވަރަށް އިތުބާރު ހުރި ގޮތަކަށް ބައިނަލްއަގުވާމީ ސަލާމަތީ މުއައްސަސާތަކުން އަޅުގަނޑުމެންނަށް ހިއްސާކޮށްފައި އެބަ ހުރި މި މީހާއާ ގުޅުންހުރި ވަރަށް ބައިވަރު މައުލޫމާތު،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ޔާސިރު ފަދަ މީހަކު ދިވެހި މުޖުތަމައުގައި ދޫވެފައި ހުރުމަކީ ދިވެހި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ބެކްގްރައުންޑެއް ހުރި ފަރާތެއް ދިވެހި މުޖުތަމައުގެ ތެރޭގައި ދޫވެފައި ހުރުމަކީ އަނެއްކާވެސް ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިގެންދާނެ ހުރަހެއް ކަމަށް،"

މިވަގުތު ޔަމަނު އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމުން، ޔާސިރު ފޮނުވާލަން ޓްރެވެލް ޑޮކިއުމެންޓެއްވެސް ތައްޔާރުކުރަންވެސް ދަތި ކަމަށް ހަމީދު ވިދާޅުވިއެވެ.

ޔާސިރު އުޅެނީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެންނެވެ. އެ ދެމަފިރިންގެ ދަރިއަކުވެސް ހުރެއެވެ.