ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ތިން މީހަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އާމިރަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ހައްޔަރުކުރީ ކޮން ބައެއްތޯ ދެންނެވުމުން ޝިޔާމް ވިދާޅުވީ އެމީހުންގެ ނަންތައް ހާމަކުރެވެން ނެތް ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިރަށް ލިބުނު އަނިޔާތަކަށް ފަރުވާކުރެއްވުމަށް މިހާރު އޭނާ ވަނީ ލަންކާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފަ އެވެ.

އާމިރު ކުރިން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު 4:30 އެހާކަންހާއިރު އޭނާ މާފަންނުން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާގެ ސައިކަލު މަޑުކުރުމަށް ފަހު މ. ޓްރިންކްއެލަޖީ އަށް ވައްދައި ފަޓުލޫނު ވެސް ވީދާލައި އޭނާ އަށް ހަމަލާދީ ދީފައިވާ ކަމަށެވެ. އަދި އޭނާ އަށްހަމަލާ ދިން މީހުން ވޮލެޓާއި ދެ ފޯނު އަތުލާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Ahmed Amir (mp3)

އޭނާ ވިދާޅުވެފައި ވަނީ އޭނާ އަށް ދިން ހަމަލާގެ ސަބަބުން ނޭފަތްމަތި ފަޅައިގެންދިއުމުގެ އިތުރުން އެހެން ބައެއް ޒަޚަމުތައް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.