ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާންރޯވީ މީހަކު ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށް މިހާތަނަށް ކުރެވުނު ތަހުގީގުގެ އަލީގައި ފުލުހުން ބުނެފިއެވެ.

އަބަދަށްފެހި މަގުގައި ހ. ތިލަފުށީ ގޭގައި ކެމިކަލް ގުދަނުގައި ރޯވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބަދަށްފެހި މަގުގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ ހާދިސާ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށާއި މިހާތަނަށް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއަކީ، އެއެއްވެސް މީހަކު ގަސްތުގައި ކުރި ކަމަކުން ނުވަތަ އިހުމާލު ވުމުގެ ސަބަނުން ވީ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ބެލި ބެލުމުން އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ޒިންމާއެއް ނުވަތަ ގަސްތުގައި މީހަކު ކުރި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވޭ. އަދިވެސް މި ދަނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމަތު ސާފު ކުރަމުން،" ބަޝީރު ވިދާޅުވިއެވެ.

އެ ހާދިސާގައި މަރުވެގެން ދިޔައީ، ތ. ތިމަރަފުށި، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، އެވެ. އޭނާ އޭރު ދިރިއުޅެމުން ދަޔައީ އަލިފާނުގައި އަނދައިގެން ދިޔަ، ހ. ރަނދުވާނިއާގެ ތިން ވަނަ ފަންގިފިލާގައެވެ. ބަޝީރު ވިދާޅުވީ، އާއިލާއަށް ޝައުނާއާ އެންމެ ފުރަތަމަ މުއާމަލާތް ކުރެވިފައި ވަނީ، އެރޭ 7:24 ގައި ކަމަށެވެ. އަދި އެންމެ ފަހުން މުއާމަލާތް ކުރެވިފައިވަނީ، 7:35 ގައި ކަމަށް ބަޝީރު ވިދާޅުވިއެވެ.

"ޝައުނާގެ ހަށިގަނޑު ސިފައިންނާއި އަޅުގަނޑުމެން ކުރި މަސައްކަތުން ފެނިފައިވަނީ އެރޭ 11:20 ހާއިރު،" ބަޝީރު ވިދާޅުވިއެވެ.

މި ހާދިސާގައި ހާލުގައި ޖެހިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭއެން)ގެ އެމަޖެންސީ ސެންޓަރުގައި 786 މީހަކު ވަނީ ރަޖިސްޓްރީކުރި އެވެ. އެ މީހުންނަށް ޑިޒާސްޓާ އިން ވަނީ އެކި ގޮތްތުން އެހީތެރިކަން ފޯރުކޯށްދީފަ އެވެ. އޭގެ ތެރެއިން 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭ އިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.