03 Oct 2019, 08:12
ހިލޭ ކިޑްނީ ހަދިޔާ ކުރަން ނިންމީ އައްޑޫ ސިޓީ ހުޅުދޫ، އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒް މީހުންގެ އަތުން ފައިސާއަށް އެދޭކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.
ފިރާޒް "ސަން" އަށް މިރޭ ބުނީ ކިޑްނީ ހަދިޔާކުރަން ނިންމީ، ކިޑްނީ ބަލިތަކުގައި އުޅޭ މީހުން އުޅޭ ހާލު ފެނިފައި ދެރަވި ވަރުން ކަމަށެވެ.
އެއްވެސް ވަޒީފާއެއްވެސް އަދާނުކުރާ ފިރާޒް "ސަން" އަށް ރޭ ބުނީ ކިޑްނީ ދޭން ހަދިޔާކުރަން ނިންމީ އިންސާނިއްޔަތަށް ޓަކައެވެ. އަދި އެއްވެސް ފައިސާއެއް ބޭނުންނުވާ ކަަމަށް އޭނާ ބުންޏެވެ.
ކިޑްނީ ބޭނުންވެގެން ފިރާޒްއަށް ގުޅި މީހަކު "ސަން" އަށް މިއަދު ބުނީ ކިޑްނީ ހަދިޔާ ކުރަން ބޭނުންވަނީ އެއްްވެސް ފައިސާއަކަށް ނޫންކަމަށް އޭނާ ބުނި ކަމަށެވެ.
"ބުނި ވަރަށް ގިނަ މީހުން ގުޅާ ވާހަކަ. ކާރާއި ލައްކައިން ލާރި ހުށަހަޅަމުންދާ ވާހަކަވެސް. އެހެން ނަމަވެސް އެއްވެސް އެެއްޗެއް ބޭނުންނުވާ ކަމަށް ބުނި. ދެން ބުނި ކިޑްނީ ދީގެން އަންނަ ސައިޑް އިފެކްޓަކުން ލިބޭ ގެއްލުމަކަށް ހަރަދުކުރަން ޖެހޭނެކަން. އެއީ ރަނގަޅު ވާހަކައެއް އޭގެ ޒާތުގައ.ި އަހަރެންވެސް އެއްބަސްވަން އެކަމަށް." ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ނަމަވެސް ކޯލް ނިމޭ ހިސާބުން ފައިސާއަށް އެދުނުކަމަށް ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
" އޭނާ ބުނީ ތިމަންނަ މީ ސިނގިރެޓް ބޯ މީހެކޭ، ވަޒީފާއެއް އަދައެއް ނުކުރަމޭ. ބުނީ ހަތަރު ޖީބީގެ ޑޭޓާ ޕެކެއް ފޯނަށް އަޅަން ލާރި ބޭނުންވާ ވާހަކަ. އެކަމަށް 500 ރުފިޔާ ޖަމާކޮށްދޭން އެދުނީ. އެކައުންޓް ނަންބަރުވެސް ފޮނުވި،" ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ފިރާޒްއާ މެދު ޝައްކުވެެގެން ފަހުން އެހެން މީހަކު ލައްވާ ގުޅުވަންވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފޯނު ނުނަގާ ކަަމަށް އޭނާ ބުންޏެވެ.