02 Oct 2019, 15:32
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ މަރާލި މީހުންނާއި އެކަން ރޭވި މީހުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށް، މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ، އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް މަރާލިތާ ހަތް އަހަރުވެފައިވާއިރު، އިންސާފު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އާއިލާއިން ބުނެފައި ވަނިކޮށެވެ.
ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް މަދު ހަފްތާކޮޅެއްގެ ތެރޭގައި އެ މަރުގެ ތަފްސީލް، މަރު ކޮމިޝަނުން ހާމަކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"އެއީ އެކަން ކުރި މީހުންނާއި، އެކަން ރޭވި މީހުންގެ މައުލޫމާތު ވެސް ހިމެނޭ ގޮތުން،" ސުއޫދު ވިދާޅުވިއެވެ.
އަފްރާޝީމްގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން މަރު ކޮމިޝަނުން ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. އަދި އަފްރާޝީމް އާއި އާއިލާއަށް އިންސާފު ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ވެސް ކޮމިޝަނުން ވަނީ ދީފައެވެ.
އަދި އެ މަރުގެ ވަރަށް ތަފްސީލް ރިޕޯޓެއް ކޮމިޝަނުން ހިއްސާކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.
ޑރ. އަފްރާޝީމްގެ ބޮލާއި ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅިން ބޮޑެތި ހަމަލާތަކެއް ވަނީ ދީފައެވެ.
އަފްރާޝީމްގެ މަރާލިކަމަށް ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކަރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.