02 Oct 2019, 17:57
ވޯލްޑްކަޕް ކޮލިފިކޭޝަންގައި ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުން އީގަލްސްގެ ދެ ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ނުހިމަނައި، ސައުދީ އަރަބިއްޔާގައި ކޭމްޕް ކޮށްފި އެވެ.
ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ސެންޓޭ އާއި ރިޒޭ ވަނީ ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ގުއާމާ ދެކޮޅަށް ނެގި ޓީމުން އަމިއްލަ އަށް ވަކިވެފަ އެވެ. ބަދަލެއްގެ ގޮތުން އެ ދެ ކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިއަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.
އަމިއްލަ ސަބަބުތަކާ ހުރެ ގުއާމް މެޗުގެ ކުރިން ގައުމީ ޓީމުން ކުރި ޕްރެކްޓިހުގައި ބައިވެރިވެފައި ނުވާތީ އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެ ދެ ކުޅުންތެރިން ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ފައިނަލް ސްކޮޑް އިއުލާނުކޮށް ޓީމުން ލަންކާގައި ކޭމްޕުކުރުމަށް ދިޔަ އިރު ސެންޓޭއާއި ރިޒޭ ޓީމާއެކު ގޮސްފައި ނުވުމުން ޓީމަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ޓީމުގެ ކޯޗު ޕީޓަރ ސެގާޓްވެސް ވަނީ ބުނެފައެވެ.
އަންނަ ބުރާސްފަތި ދުވަހު ސިރީއާ ދެކޮޅަށް ކުޅޭ ގައުމީ ސްކޮޑް މިއަދު ހެނދުނު ސައުދީއަރަބިއްޔާ އަށް ފުރާފައިވާއިރު، ޗައިނާއާ ދެކޮޅަށް ކުޅުމަށް ނެގި ސްކޮޑަށް އެއްވެސް ބަދަލެއް ގެނައިސްފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން އެފްއޭއެމު އިން ބުނީ، ސެންޓޭ އާއި ރިޒޭއަށް އެޅި ޖޫރިމަނާގެ މައްސަލަ ނިމިފައިވާ ކަމަށާއި ސްކޮޑް ނެގުމުގެ އިހްތިޔާރު އޮންނާނީ ކޯޗަށް ކަމަށެވެ.