14 Nov 2011, 17:49
ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ބަންދުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް( ވައްޑޭ) މިއަދު ވިދާޅުވީ ބުދު ވައްޓާލި މައްސަލައިގެ ތުހުމަތުގައި ފުލުހުންން އައްޑޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައި ވަނީ ޣައިރު ގާނޫނީ ގޮތުން ކަމަށެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރިކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމުން އެއްވެސް މީހަކު ހިފާ ހައްޔަރުނުކުރެވޭނެ. ފުލުހުން ބަޔަކު ހައްޔަރު ކުރީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް،" ވައްޑޭ ވިދާޅުވި އެވެ.
ބުދު ފަދަ ތަކެތި ބަހައްޓައިގެން ރާއްޖޭގައި ޣައިރު ދީންތަށް ފެތުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނާކާމިޔާބުކުރަން މަސައްކަތް ކުރި ފަރާތްތަކަކީ ގައުމީ ބަތަލުންގެ ދަރަޖަ ދޭން ޖެހޭ ބައެއްކަމަށް ވައްޑޭ ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ބުދު ވައްޓާލި މީހުން ހައްޔަރުކުރީ އެމީހުން ވައްޓާލި މޮނިއުމެންޓަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ އެއްޗަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުން ބުނި ބުނުމަށް ރައްދުދެއްވައި ޕީޕިއެމްގެ ކައުންސިލް މެމްބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ 100 ޕަސަންޓް މުސްލިމު ގައުމެއްގައި އެ ގައުމެއްގެ ގާނޫނުގައި ކަނޑައެޅިގެން ބޭނުންކުރުން މަނާ އެއްޗެއް ސަރުކާރުގެ މިލްކެއް ކަމަށް ބުނެ އެފަދަ އެއްޗަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ޝަރުއީ ގޮތުން ދަލީލު ދައްކަވަމުން އަފްރާޝިމް ވިދާޅުވީ "ޝިރުކުކުރުމަކީ މާތްﷲ ނުފުއްސަވާނެ ކަމެއް.
ޝިރުކުކުރުން ފާޅުގައި އަންގައިދޭ އެންމެ ބޮޑު އެއް އަލާމާތަކީ ބުދުބެހެއްޓުން. ކަނޑައެޅިގެން އެހެންދީންތަކުގައި މީހުން އަޅުކަން ކުރާ ބުދު ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ބެހެއްޓުމަކީ ޝަރުއީ ގޮތުން ހުއްޓުވަން ޖެހޭ ކަމެއް އެއީ، ނުކުރެވޭނެ ކަމެއް އިސްލާމްދީނުގައި ހަރާމްކަމެއް،" އަފްރާޝީމް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބުދު ހިމެނޭ މޮނިއުމެންޓް ވައްޓާލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހަކާއި އުމުރުން 28 އަހަރުގެ މީހެކެވެ.