މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގިތާ 12 ދުވަސް ވީއިރު، ލިބުނު ގެއްލުންތައް ދެނެގަނެވި، އަދިވެސް ބަދަލު ދޭނެ ވަރު ކަނޑައެޅިފައި ނުވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

އަބަދަށްފެހި މަގުގައި ހ. ތިލަފުށީ ގޭގައި ރޯވީ، މިދިޔަ މަހު 20 ވަނަ ދުވަހު އެވެ. ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އޭގެ ތެރެއިން 100 އެއްހާ މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭއެން) އަދިވެސް ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އެންޑީއޭގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ގެއްލުމުގެ ބަދަލު ދިނުމަށްޓަކައި ހަދަން ޖެހޭ އެސެސްމަންޓް އަދި ނިމިފައި ނުވާ ކަމަށާއި، މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ފެށޭނީ، އެސެސްމަންޓަށް ފަހު ކަމަށެވެ.

"މުޅި ހާދިސާގެ ޑެމޭޖް ސަމްއަަޕްގެ [ލިބުނު ގެއްލުން އެއްކޮލުމުގެ] މަސައްކަތް މި ދަނީ ކުރަމުން. އޭގެ އަދި އިންވޯލްވޭ ބައެއް އިމާރާތްތަކުގެ ސްޓަރަކްޗަރަލް އެސެސްމަންޓްތައް އޭގެ ދަށުން ހަދަން ޖެހޭ. ޑީޓައިލްކޮށް ގޭގެ، ކޮންސްޓްރަކްޝަން މެޓީރިއަލް ކޮސްޓިންވެސް. އެ މަސައްކަތް އަދި ކުރިއަށް ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ހޯދިފައިވާ ގެއްލުމުގެ އަދަދު އަދި ހާމަކުރެވެން ނެތް ކަމަށާއި އެސެސްމަންޓް ނިމުމުން އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށެވެ. އެސެސްމަންޓަށް ކިހާ ދުވަހެއް ނަގާނެތޯ ސުވާލު ކުރުމުން ވިދާޅުވީ، "ވަގުތުކޮޅެއް ނަގާނެ" ކަމަށާއި އާއިލާތަކަށް އެ މައުލޫމަތު ފޯރުކޮށްދެމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހަ ގުދަނެއް ރޫޅާލައި، ތިން ގެއެއް މިހާރު ވަނީ ތަޅާލާފަ އެވެ. މީހުން ދިރިނޫޅެވޭ ވަރަށް އިތުރު ހަ ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތު ކުރަންޖެހޭ ހަ ގެއެއް ހިމެނެ އެވެ.

އެންޑީއޭގެ އޮފިޝަލް ވިދާޅުވީ، މިހާތަަނަށް ޖުމްލަ ތިން ގެއެެއް ތަޅާލި ނަމަވެސް، އިތުރު ގެއެއް ތަޅާލަން ޖެހިއްޖެ ނަމަ އެސެސްމަންޓަށްފަހު، އިތުރު ގެތަށް ވެސް ތަޅާލާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ފަރާތްތަކަށް އެހީވުމަށް އެންޑީއެންއޭ އިން ވަނީ، ރިލީފް ފަންޑެއްވެސް ހުޅުވާފަ އެވެ. މިދިޔަ ހޯމަ ދުވަހު އެންޑީއެންއޭ އިން އާންމުކުރި، މައުލޫމަތުން އެނގޭ ގޮތުގައި ފަންޑަށް 1.3 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފަ އެވެ.

އެންޑީއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ގުދުރަތީ ހާދިސާ އާއި މި ފަދަ ހިތާމަވެރި އެހެން ހާދިސާތަކުގައި ވެސް ގެއްލުން ލިބޭ މީހުންނަށް މާލީ އެހީގެ ގޮތުގައި ޑިޒާސްޓާގެ ގަވާއިދުގެ ދަށުން ދެނީ ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ.

ނަމަވެސް އެ ހާދިސާއެއްގެ ބޮޑު ކަމާއި ހާލަތަށް ބަލައި، ފަންޑު ހުޅުވާޅުމުން އެކި ފަރާތްތަކުން ދީލަތި އެހީއާއެކު، ދޭ ބަދަލު 20 ޕަސަންޓަށް ވުރެ އިތުރު ވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މި ހާދިސާގައި ހާލުގައި ޖެހިގެން ޑިޒާސްޓާގެ އެމަޖެންސީ ސެންޓަރުގައި 786 މީހަކު ވަނީ ރަޖިސްޓްރީކުރި އެވެ. އެ މީހުންނަށް ޑިޒާސްޓާ އިން ވަނީ އެކި ގޮތްތުން އެހީތެރިކަން ފޯރުކޯށްދީފަ އެވެ.