02 Oct 2019, 14:00
ރ. އުނގޫފާރުގައި ބުޅާ ގިނަވެ އާންމު އުދަގުލަކަށް ވެފައިވާ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އުނގޫފާރު ކައުންސިލުން މިއަދު ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ބޭނުންތަކަށް ގޭގައި ބުޅާ ގެންގުޅޭނަމަ ގެންގުޅެންވާނީ އާންމުންނަށް އުނދަގޫ ނުވާގޮތަށް ކަމަށެވެ.
ބުޅަލުގެ އުނދަގޫ ކުޑަކުރުމަށް ބުޅާ ހިފައި، ކައުންސިލާ ހަވާލުކުރުމުން، ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށް ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު މިއަދު "ސަން"އަށް ވިދާޅުވީ، ފައިސާ ލިބޭނީ ބުޅާ މަރާލުމަށް ފަހު ކައުންސިލާ ހަވާލުކުރުމުން ކަމަށެވެ. އަދި އެފަދަ ބުޅާތައް ކައުންސިލުން ރައްކާތެރިކަމާ އެކު ވަޅުލާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.
"މިހާރު ނިންމާފައި އޮންނާނީ މަގުމަތީ އުޅޭ ބުޅަލަކީ ވެރިއަކު ނެތް އެއްޗެހި ކަމަށް. ކައުންސިލާ ބުޅާ ހަވާލު ކުރަންވާނީ މަރާލާފައި. އަޅުގަނޑުމެން އެ އެއްޗެހި ރައްކާތެރިގޮތުގައި ވަޅުލާނީ. މިއީ ރަށުން ބުޅާ މަދުކުރުމަށް ކުރާ ކަމެއް،" ކައުންސިލް ރައީސް ނާސިރު ވިދާޅުވި އެވެ.
ބުޅާ ބަލައިގަންނަން ނިންމާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލުން އިދާރާއިން ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މި ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ބުޅާ ބަލައި ނުގަންނާނެ ކަމަށާއި، ގެންނައިރު ކުނިވެފައި ހުންނަ ބުޅާ ވެސް ބަލައިނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
ބުޅާ މަދުކުރުމުގެ ޕްރޮގްރާމް އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދަން ވެސް އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"ބުޅަލުގެ އުނދަގޫ ބޮޑުވެ، ޑަސްބިން ބަންޑުން ޖެހުމާ، އާންމުންނަށް އުނދަގޫ ފޯރާތީ ކައުންސިލުން ނިންމީ ބުޅާ މަދުކުރުުމަށް،" ކައުންސިލްގެ ރައީސް، ނާސިރު ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަށް ހިންގާ ކޮންމެ އަމަލަކީ ކުށެކެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އެންމެ މަދުވެގެން ނުވަދުވަހުގެ އަދި އެންމެ ގިނަ ވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.