14 Nov 2011, 17:40
އއ. މަތިވެރި ކައުންސިލްގެ ޑީއާރްޕީ މެންބަރު ނައުޝާދު މުހައްމަދު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ މަތިވެރި ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހު 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މަދަމައިން ފެށިގެން މިމަހުގެ 29 ވާ އަންގާރަ ދުވަހާ ހަމަޔަށް މަތިވެރި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާ އަށް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ބުނެ ށ. އަތޮކައުންސިލްގެ މިލަންދޫ ދާއިރާގެ އެމްޑީޕީ ދެ ކައުންސިލަރުން ކަމަށްވާ ފިރާގު އިބުރާހިމާއި އަބްދުﷲ އާތިފް ށ. އަތޮޅު ކައުންސިލްގެ މެންބަރުކަމުން ވަކިކޮށް ށ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށްވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފަ އެވެ.
ށ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ މަދަމާ އިން ފެށިގެން މިމަހުގެ 29 ވާ އަންގާރަ ދުވަހާއި ހަމަޔަށް ށ. އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.