02 Oct 2019, 10:47
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ ނޫސްވެރިންތަކެއް ރާއްޖެ ގެނެސްފި އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ފޭމް ޓްރިޕްތަކުގެ 14 ވަނަ ދަތުރެވެ.
އިނގިރޭސި ނޫސްވެރިންގެ ޓީމުން މިމަހުގެ އެކަކުން ހަތަކަށް ރާއްޖޭގައި ތިބޭނެ އެވެ. މި ޓީމުން ތިބޭނީ ކޮކޯ ބޮޑުހިތި، ފުރަވެރި އައިލެންޑް ރިސޯޓު، އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި ގައެވެ.
މި ދަތުރުގައި ރާއްޖޭގައި ދެމެހެއްޓެނިި ގޮތެއްގައި ފަތުުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތާއި ދިވެހި ސަގާފަތާއި ކެއުން އަދި ކަނޑުއަޑީގެ ރީތިކަން މި ޓީމުން ތަޖުރިބާ ކުރާނެ އެވެ.
އިނގިރޭސި ނޫސްވެރިންގެ ޓީމުގައި ހިމެނެނީ ދަ ލަގްޒަރީ ލައިފްސްޓައިލް، ސްޓޯކް ޕާކް، ހައުސް އޮފް ކޮކޯ، ދަ ޓްރެވަލް މެގަޒިންގެ ނޫސްވެރިންގެ އިތުރުން ހާބާ ޗެލްސީ އަށް ލިޔާ ނޫސްވެރިއެކެވެ. މި ޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާގެ ވާހަކަތައް ޝާޢިއު ކުރާނެއެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 83،089 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓު އިތުރު އަދަދެކެވެ.