02 Oct 2019, 10:24
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ "އާބިޓްރޭޝަން ރޫލްސް" މުރާޖައާކޮށް، ބޯޑު މެމްބަރުންނަށް ލަފާދިނުމަށް 10 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ނިންމައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބޯޑަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން ނިންމައި، މިހާރު ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އާބިޓްރޭޝަން ސެންޓަރަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ގާނޫނީ ވަކި ޝަހުސެކެވެ. އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.
އެ ސެންޓަރުގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ޗެއާމަން ކަމުގެ މަގާމުގައި ވަކީލް ޝަހުދީ އަންވަރު އަދި މެމްބަރުގެ ގޮތުގައި ހުސައިން ސިރާޖާއި ސަފާ ޝަރީފް އެވެ.
ބޯޑަށް ލަފާދޭ ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކަކީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއާގެ ދާއިރާއިން 10 އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އާބިޓްރޭޝަން ދާއިރާގައި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ.
ކޮމިޓީއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 14 ވާ ހޯމަ ދުވަހުގެ މެންދުރު 1:30 އެވެ.
ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ،[email protected]އަށެވެ.
އީމެއިލް މެދުވެރިކޮށް ލިޔުންތައް ހުށަހަޅާނަމަ އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ހުންނަން ވާނެއެވެ.
ދެހާސް ތޭރަ ވަނަ އަހަރު އާބިޓްރޭޝަންގެ ގާނޫނު ތަސްދީގުކޮށްފައި ވީނަމަވެސް، ރާއްޖޭގައި އެ ނިޒާމް އަދި ރަނގަޅަށް ފަށައިނުގަނެވެ އެވެ.